ފަސް ރުފިޔާގެ ކަރުދާސް ނޫޓު ބޭނުން ކުރެވޭނީ މިއަހަރުގެ ނިޔަަލަށް

ނަސްވާ ޙަސަން - 1 week ago - 15 ނޮވެމްބަރ 2017



ކުރީގެ ފަސް ރުފިޔާ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނީ މިއަހަރުގެ ނިޔަލަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވިޔަފާރި މުއާމަލާތްތަކުގައި ފަސް ރުފިޔާގެ ކަރުދާސް ނޫޓު ބޭނުންކުރެވޭނީ 31 ޑިސެންބަރު 2017 ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް 31 ޖުލައި 2021 ގެ ނިޔަލަށް 5 ރުފިޔާގެ ކަރުދާސް ނޫޓުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބަދަލު ދޭނެ ކަމަށެވެ.

މިއަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 5 ރުފިޔާގެ ނޫޓު ވަނީއާއްމުކޮށް ބޭނުންކުރަން ފަށާފައެވެ.

2016 ވަނަ އަހަރު އެމްއެމްއޭއިން ވަނީ ޕޮލިމާ ކަރުދާހުގައި ޗާޕްކޮށްފައިވާ މުޅިން އާ ނޫޓް ސީރީޒްއެއް ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުނު ރަންޔޫބިލާއި ދިމާކޮށް ނެރެފައެވެ. އެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާ، 500 ރުފިޔާ، 100 ރުފިޔާ، 50 ރުފިޔާ، 20 ރުފިޔާ، 10 ރުފިޔާ އަދި ފަސް ރުފިޔާގެ ނޫޓެވެ. އަދި ރަން ދިހަފަހެއް ސީރީޒްގެ ހުރިހާ ނޫޓުތައް ފަރުމާކޮއްފައި ވަނީ އަބްދުﷲ ނަޝާތް އެވެ.


ގުޅުން ހުރި ލިޔުންތައް