twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދިއްދޫގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

Jan 3, 2018

ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހއ. ދިއްދޫގައި ކުރިއަށްގެންދިޔަ 12 ވަނަ މޫދު ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ދިއްދޫ ގޮނޑުދޮށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރެވެ. އަދި ޕްރޮގްރާމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް އެމްއެންޑީއެފްއިން ދޭ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ.

“މޫދު ކަސްރަތުން އުފާވެރިކަން” މި ޕްރޮގްރާމުގެ މުދައްރިބަށް ވަނީ ހަނދާނީ ފިލާއެއް ހަވާލުކޮށްފައެވެ. މި ފިލާ ސާޖަންޓް ފަސްޓް ކުލާސް އިސްމާއިލް އަހުމަދު މަނިކް އާ ހަވާލުކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ހުސެއިންއެވެ.

ދިއްދޫގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތު–

“މޫދު ކަސްރަތުން އުފާވެރިކަން” މި ނަމުގައި 2017 ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އެ ރަށުގެ 11 އަހަރާއި 70 އަހަރާ ދެމެދުގެ، ދެޖިންސްގެ 230 ބައިވެރިން ބައިވެރިވެފައި ވެއެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ހއ.ދިއްދޫ ކައުންސިލް އިދާރާ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް އިސްމާއީލް އަހުމަދު މަނިކުއެވެ.

ދިއްދޫގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތު–

މީގެ ކުރިންވެސް ހއ ގެ އިތުރުން ކ އަތޮޅާއި މ އަތޮޅާއި ފ. އަތޮޅާއި ދ.އަތޮޅާއި ތ.އަތޮޅުގެ ބައެއް ރަށްތަކުގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި މާލޭގެ ބައެއް ކޯޓުތަކުގެ މުވައްޒަފުންނަށްވެސް މި ޕްރޮގްރާމް ހިންގާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355