twitterviber whatsapp telegramfacebookyoutube instagram
24th July 2025

އިސްލާމިކް ޔުނިވާސިޓީގެ ދީނީ ތައުލީމުގެ އިތުރު ކޯސްތައް ކުޅުދުއްފުށީގައި ހިންގުމަށް އަންނަނީ މަޝްވަރާކުރަމުން: އާތިފާ

އަބްދުލް ވާހިދު ޙަސަން
Jul 23, 2025

މޯލްޑިވިސް އިސްލާމިކް ޔުނިވާސިޓީގެ ދީނީ ތައުލީމުގެ އިތުރު ކޯސްތައް ކުޅުދުއްފުށީގައި ހިންގުމަށް އެ ޔުނިވާސިޓީއާއެކު މަޝްވަރާކުރަމުންދާކަމަށް ސިޓީ ކައުންސިލް މެންބަރު އާތިފާ އަލީ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ޤުރުއާން މުބާރާތް ނިންމުމަށް އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލަރު އާތިފާ އަލީ ވިދާޅުވީ، ކައުންސިލްގެ ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭންގައި ދީނީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއްދީފައިވާނެ ކަމަށާއި އެގޮތުން ދީނީ ޝިއާރު ކުރިއެރުވުމާއި މުޖުތަމައުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.

އަދި މިހާތަނަށް 5.6 މިލިއަން ރުފިޔާ ކައުންސިލް ބަޖެޓުން ދީނީ ކަންކަމަށް ހަރަދުކޮށްފައިވާނެކަމަށާއި އޭގެ ތެރޭގައި ދީނީ ދަރުސްދިނުމާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުން ފަދަ ކަންކަން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ބެޗެލަރސް އޮފް ޤުރުއާން ޓީޗިންގ ކޯހެއް މިހާރުވެސް ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން އާތިފާ ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ދީނީ ތައުލީމުގެ އިތުރު ކޯސްތައް ކުޅުދުއްފުށީގައި ހިންގުމަށް މަޝްވަރާކުރަމުންދާކަން އާތިފާ ވިދާޅުވި އެވެ.

އާތިފާ ވިދާޅުވީ، މަސައްކަތްކުރަމުންދަނީ އެއް އަހަރުން އަނެއް އަހަރަށް ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅުކޮށް ފެންވަރުމަތިކުރުމަށް ކަމަށާއި މިއަހަރުގެ ތަޖުރިބާއަށް ބަލައި ދެން އަންނަ މުބާރާތްތަކަށް ގެންނަ ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

ޤުރުއާން ކިޔެވުމަކީ އަޅުކަމެއްކަމުގައި ލައްވާފައިވާ ފޮތެއް ކަމާއި އެފޮތް ކިޔަވަން ޖެހެނީ ތަޖުވީދުގެ ހަމަތަކާއި ވަކި އުސޫލުތަކެއްގެ މަތިން މިހަމަތަކާއި އުސޫލުތައް ދަސްކުރުމަކީ މުސްލިމުންނަށްވީތީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އާތިފާ ފާހަގަކުރެއްވި އެވެ.

އަދި ޤުރުއާން މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހަމަތަކާއި އުސޫލުތަކުގެ މަތިން ޤުރުއާން ކިޔަވަން ދަންނަ ދަރިންތަކެއް އުފެއްދުމާއި މުޖުތަމައުގައި ދިރިއުޅޭ ކުދި ބޮޑު އެންމެންގެ ހިތުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން އާތިފާ ވިދާޅުވީ، ދިރިއުޅުމުގެ ކަންކަމުގައި ތެރޭގައި ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ބާރުއެޅުންވެސް މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355