ނަރުހުންގެ މަސައްކަތަކީ ހަމައެކަނި އިލުމާއި ހުނަރަށް ބިނާވެފައިވާ މަސައްކަތެއް ނޫން ކަމަށާއި އެއީ ހިތުގެ އިހުސާސްތަކާއި އޯގާތެރިކަމުގެ މަސައްކަތެއްކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރު އާތިފާ އަލީ ވިދާޅުވެއްޖެ އެވެ.
ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ ނަރުސްކަން ކިޔަވާ ދަރިވަރުން އިގްރާރުވުމާއި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކައުންސިލަރ އާތިފާ އަލީ ވިދާޅުވީ، ސިއްހީ ދާއިރާގެ މައިބަދައަކީ ނަރުހުން ކަމަށާއި ޑޮކްޓަރުންގެ އިރުޝާދުތައް ތަންފީޒުކުރުމުގެ އިތުރުން ނަރުހުންނަކީ ބަލި މީހުންނާ އެންމެ ގާތް ގުޅުމެއް ބާއްވަ އެމީހުންގެ ހިތާމަތަކުގެ ބައިވެރިވެ ހިތްވަރުދޭ މީހުން ކަމަށެވެ.
ނަރުހުންގެ ހިތްވަރާއި ގުރުބާނީއާ ނުލާ އެއްވެސް ހޮސްޕިޓަލެއް ހިންގުމަކީ ދަތިކަމަށްވާނޭކަން ފާހަގަކުރައްވާ އާތިފާ ވިދާޅުވީ، ނަރުހުންގެ މަސައްކަތުގެ އެންމެ މުހިންމު އަސާސަކީ އޯގާތެރިކަން ކަމަށެވެ. އަދި އޯގާތެރިކަމީ ހަމައެކަނި އަޅާލުމެއް ނޫން ކަމަށާއި އެއީ އިންސާނީ ކަރާމަތަށް އިހުތިރާމުކުރުމާއެކު ދެވޭ އަޅާލުންކަމުގައި އާތިފާ ވިދާޅުވި އެވެ.
"މިއަދު ތި އަޒުމު ކަނޑައެޅީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އޯގާތެރިކަމާއެކު ބަލި މީހާ ސިއްރުތައް ރައްކާތެރިކޮށް އެ މީހުންނަށް ހިދުމަތްކުރެއްވުމަށް." އިގްރާރުވި ދަރިވަރުންނާ މުހާތަބުކުރައްވައި އާތިފާ ވިދާޅުވި އެވެ.
އެހެންކަމުން އިގްރާރުވި ކޮންމެ ބަހެއްގެ މާނަ ހިތުގައި ވަރުގަދައަށް ބިންވަޅު ނަގައި އެއާ އެއްގޮތަށް އަމަލުކުރުމަށް ދަރިވަރުންނަށް އޭނާ ނަސޭހަތްތެރިވި އެވެ.
ނަރުހުންގެ ހިދުމަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަމަކީ ލޮއެއްބާއި އޯގާތެރިކަން ފާހަގަކުރައްވަމުން އާތިފާ ވިދާޅުވީ، މުހިންމީ މަސައްކަތްކުރާ މިންވަރެއް ނޫން ކަމަށާއި އެކަމަކު އެ މަސައްކަތުގެ ތެރޭގައި ލޮއެއްބާއި އޯގާތެރިކަން އެކުލެވިގެންވާ މިންވަރުކަމަށެވެ.




