twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެންއައިއައި އިން ހިންގާފައިވަނީ ފައިސާގެ ޖަރީމާތަކެއް، ބިލުތައް ބަދަލުކުރީ މަޖުބޫރުކޮށްގެން: މުވައްޒަފުން

Jan 8, 2018

އާސަންދަ ބިލްތައް ބަދަލުކުރުމަށް މަޖުބޫރުކޮށް، ބަލި މީހުންނަށް ނުދޭ ހިދުމަތްތަކަށް އަގު ނެގުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެންގީ ނޫރުލް އިސްލާމް އިންޓަނޭޝަންއިން ފޮނުވާފައިވާ އިންޑިޔާގެ އަންހެނެއްގެ އަމުރަށް ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ބުނެފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އިންޑިޔާގެ ނިމްސް ކުންފުނި ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި ދިވެހި ބަޔަކާ ގުޅިގެން ހަދާފައިވާ ޖޮއިންޓްވެންޗާ ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކުރީ މިދިޔަ ޖޫންމަހުގެ ތެރޭގައި އެވެ. ދިވެހި ހިއްސާދާރުންނާއި އިންޑިޔާގެ ހިއްސާދާރުގެ ދެމެދުގައި ޖެހުނު ފައިސާގެ މައްސަލަތަކެއްގައި ހޮސްޕިޓަލްގެ ހިދުމަތް ހުއްޓި، އެތަން ހާލުގައި ޖެހުމުން މިދިޔަ ޑިސެމްބަރުމަހުން ފެށިގެން ހެލްތް މިނިސްޓްރީން ވަނީ ވަގުތީގޮތުން ހަވާލުވެފަ އެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަލްއާ ދެމެދު ހިޔާލު ތަފާތުވެ، ހިދުމަތްތަކަށް ބުރޫއަރާފައިވަނީ އިންޑިޔާގެ ކުންފުނިން ކުރަން އުޅުނު ހިޔާނާތުގެ މައްސަލަތައް ހާމަކޮށް، އެކަމާ ދެކޮޅު ހެދުމުން ކަމަށް ނޫރުލް އިސްލާމް އިންޓަނޭޝަލްގެ ދިވެހި ހިއްސާދާރު އަލީ އުސެއިދުވެސް ވަނީ ހާމަކޮށްފަ އެވެ. އުސެއިދު ވިދާޅުވެފައިވަނީ އާސަންދަގެ އިންނަ އުސޫލުގެ ބޭރުން އަގު ބޮޑުކޮށް އާސަންދަ ކުންފުންޏަށް ބިލްކޮށްފައިވާކަން އެނގިފައިވާ ކަމަށާއި އެކަން މުވައްޒަފުން ލައްވައި ކުރުވީ އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަންގެ އެމްޑީ ފައިޒަލް ޙާން ފޮނުވި ސީނިއަރ މުވައްޒަފަކު އަންގައިގެން ކަމަށް މިހާތަނަން ބެލިބެލުމުން އެނގިފައިވާކަމަށެވެ.

މިމައްސަލަ ބޮޑުވެފައިވަނިކޮށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ ގިނަ އަދަދެއް މުވައްޒަފުން މިވަނީ އެންއައިއައިއިން ފާއިތުވެދިޔަ ހަމައެއްހާ ދުވަހުގެ ތެރޭގައި އެހޮސްޕިޓަލުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ ވާހަކަތަކާ ގުޅިގެން، ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކާފަ އެވެ.

އެ ހޮސްޕިޓަލު މުވައްޒަފުން ބުނީ އެންއައިއައި އިން ހޮސްޕިޓަލުގައި ހިންގާފައިވަނީ ހިޔާނާތު ބޮޑު “ޖަރީމާއެއް” ކަމަށެވެ.

” އެމީހުންނަށް މިތަން (ކުޅުދުއްފުށީ ހޮސްޕިޓާ) ފެނުނީ ބޮޑު ރުފިޔާ ގަނޑެއްގެ ގޮތުގަ.” އެ ހޮސްޕިޓަލުގައި ވަޒީފާއަދާކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ މުވައްޒަފަކުން ކިޔައިދިނެވެ.

އެހޮސްޕިޓަލުގެ މުވައްޒަފުން ބުނިގޮތުގައި އާސަންދަ ބިލްތައް އޮޅުވާލައި ބޮޑު އަގު ޖަހައި ފައިސާގެ “ޖަރީމާ” ހިންގީ އިންޑިޔާއިން ފޮނުވާފައި ހުރި ބިދޭސީ އަންހެންގެ އަމުރަށް ކަމަށެވެ.

ނިމްސް އިން ފޮނުވާފައި ހުންނަ ބިދޭސީ އަންހެން މީހާ އަކީ ހޮސްޕިޓަލުގެ ދިވެހި ޑައިރެކްޓަރުންނަށް ވުރެ ވެސް ބާރުގަދަވެފައިވާ ނުފޫޒު ފަދަ މީހެއް ކަމަށް ބެލެވޭކަމަށް އެތަނުގެ މީހުން ބުންނެވެ. އަދި އެ އަންހެން މީހާ ޖުލައި މަސް ތެރޭގައި ހޮސްޕިޓަލަށް އައިސް ފުރަތަމަވެސް މަސައްކަތްކުރީ ބިލްތައް ބަދަލުކޮށް އާ ހިދުމަތްތަކަކަށް އަގު ނެގުމަށް ކަމަށް މުވައްޒަފުން ބުންޏެވެ.

އަދި ބަލި މީހުންނަށް ނުދޭ ހިދުމަތްތަކަށްވެސް އަގު ނަގައި ބޮޑެތި އަގު ޖެހުމަށް ނަރުހުންނަށް މަޖުބޫރުކުރިކަމަށް މުވައްޒަފުން ބުންޏެވެ. އެމައްސަލަތަކުގެ ތެރޭގައި ހޮސްޕިޓަލް ސީނިއަރ ބައެއް މުވައްޒަފުންނާ އެ އަންހެން މީހާއާ ދެމެދު ހިޔާލު ތަފާތުވުން އުފެދި މައްސަލަ ހޫނުވެސްވިކަމަށް އެމީހުން ބުންޏެވެ.

އެންއައިއައި އިން ހަވާލުވުމަށް ފަހު އެންމެ ބޮޑުތި ގޮންޖެހުންތަކެއް ކުރިމަތިވި އެއް ބަޔަކީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނަށެވެ. އެގޮތުން ނިމްސް އިން ފޮނުވި ޑޮކްޓަރުންގެ ފަރާތުންވެސް ތަފާތު ފުރައްސާރައާ ކުރިމަތިލާ ޖެހުންނެވެ.

” ނަރުހުންނަށް ވަރަށް ގިނަ ޕްރެސަރުތަކެއް ކުރިމަތިކުރުވި، އެގޮތުން ޑޮކްޓަރަކު ނެތަސް، ނެތް ވާހަކަ ޕޭޝަންޓުން ކައިރީގައި ބުނުން އޮތީ މަނާކޮށްފަ. އަދި މަޖުބޫރުކޮށްގެން އާސަންދަ ބިލްތައް ބޮޑުކުރި. ” ކުޅުދުއްފުށީ ހޮސްޕިޓަލުގެ މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުން ބުނީ އެންއައިއައި އިން ހަވާލުވުމުން އެމީހުން ވަރަށް ބޮޑެތި ފޮނި، އުންމީދުތަކެއް ކުރިކަމަށާއި ހޮސްޕިޓަލު ތަރައްގީވެ އިތުރު ކުރިއެރުންތަކެއް ލިބޭކަމަށް ޔަގީން ކުރިކަމަށެވެ. ނަމަވެސް ކަންތައްތައް ދިޔައީ ދިމާ އިދިކޮޅަށް ކަމަށާއި އެމީހުން ބޭނުންވީ ދިވެހި ރައްޔިތުންނަށްގެ ފައިސާ “ވަންކަން”ކުރަން ކަމަށް އެމީހުން ބުންޏެވެ.

އެންއައިއައި އިން އަންގާ ހުރިހާ އެންގުމެއް އަންގަމުންދިޔައީ އަނގަ ބަހުން ކަމަށާއި އެއްވެސް އެންގުމެއް ލިޔުމުން އަންގާފައިއެއް ނުވެ އެވެ. ނިމްސް ފޮނުވާފައި ހުންނަ ބިދޭސީ އަންހެން މީހާގެ ނާތަހުޒީބު އަމަލުތަކުގެ ވާހަކަ އާއި ބިލްތައް އޮޅުވާލައި މައްސަލާގައި އޭރު ހޮސްޕިޓަލުގައި ހުންނެވި ދިވެހި ޑައިރެކްޓަރު އަލީ އުސެއިދުއާ ހިއްސާކުރިނަމަވެސް އެކަންކަމަށް ހައްލު ލިބިފައިނުވާކަމަށް އެމީހުން ބުނެ އެވެ.

އަބަދުވެސް އުސެއިދު ވިދާޅުވަމުން ގެންދެވީ މައްސަލަތައް ބަލާނެ ކަމަށާއި އަދި ފަހުން ރަނގަޅުވާނެ ކަމަށެވެ.

ނިމްސް އިން ފޮނުވާފައި ހުންނަ ނުފޫޒުގަދަ އެ އަންހެން މީހާ މިހާރުވެސް މަސައްކަތް ކުރަމުންދަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގަ އެވެ. ދާދި ފަހުން އޭނާ ގެންގުޅުނު ބުދެއްވެސް ވަނީ ޝޯސަލް މީޑިއާގައި އާންމުވެ ގިނަ ފާޑުކިޔުންތަކެއް އެންއައިއައި ކުރިމެތިވެފަ އެވެ.

ދިވެހިންނާއި އިންޑިޔާގެ ހިއްސާދާރުގެ ދެމެދު ފައިސާގެ މައްސަލަތަކެއް ކުރިމަތިވެ އެއް ބަޔަކު އަނެއް ބަޔެއްގެ ބޮލުގައި އަންނަނީ ހިޔާނާތުގެ ތުހުމަތުގެ އިނގިލި ދިއް ކުރަމުންނެވެ. އިންޑިޔާގެ ނިމްސް ހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަން އަކީ އިންޑިޔާއިން ބޭރުގައި ވިޔަފާރިކުުމުގެ ހުއްދަވެސް އޮތް ބައެއް ނޫންކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި އުސެއިދުވެސް ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355