twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފެރީ ފުންކުރުމުގައި ކުރިނބީ ރައްޔިތުން ދެއްކީ ނަމޫނާއެއް !

Jan 9, 2018

މިއަދު ހެނދުނު ކުރިނބީ ފުރަފައިގެން އިތުރު 4 ރަށުގެ މީހުންނާއެކު ކުޅުދުއްފުއްޓަށް ދަތުރު ކުރި ހދ އަތޮޅު ފެރީ “ހާސިލް” ކުރިނބީ ފަރަށް އެރީ އިންޖީނު ހުއްޓި ކަނޑުގެ އޮއިވަރު ހުރި ގޮތުންނެވެ.

އެވަގުތު ފެރީގައި ތިބި 80 އެއްހާ މީހުންނާ މުދާ ރައްކާތެރި ކަމާއެކު ހިކި ފަސްތަނަކަށް ގެންދެވުނީ ކުރިނބީ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާ އެކުއެވެ.

ހެނދުނު ގާތްގަނޑަކަށް 8 ޖަހާކަށް ހާއިރު ފެރީ ފަރަށް އަރާފައިވާއިރު ކައުންސިލުން ގޮވާލި ގޮވާލުމަކަށް ވަރަށް އަވަހަށް ރައްޔިތުން ނުކުމުގެ ފެރީ ފުންކުރުމުގެ މަސައްކަތް ފަށާގަތް އިރު ފުން ކުރުމުގެ މަސައްކަތުގެ ތެރެއިން ފެރީގައި ތިބި މީހުން ކުރިނބީއަށް ބޭލުމަށްޓަކާ އެރަށުގެ އޮޑިވެރިންގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބިފައި ވެއެވެ.

އެހީތެރިކަމާއި އެއްބާރުލުމުގެ ނަތިޖާއަަކަށް ވީ ފެރީ ފަރަށް އެރިތާ ގާތްގަނޑަކަށް ބައި ގަޑިއިރު ތެރޭ ފެރީ ތިބި މީހުންނާއި މުދާ ރައްކާތެރިކަމާއެކު ކުރިނބީއަށް ބޭލި އެވެ. މީހުން ބަލައި އިތުރު ފެރީއެއް ހދ އަތޮޅު ކައުންސިލުން ގާތްގަނޑަކަށް 8:30 ހާއިރު ފޮނުވި އިރު އެންމެވެސް ތިބީ ކުރިނބީއަށް ބަލާފައެވެ.ފެރީ ފުންކުރުމުގައި ކުރިނބީ ރައްޔިތުން އެހީ ވަނީ–

ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ވިދާޅުވީ ފެރީ ފުން ކުރުމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަމާއި އެގޮތުން ފެރީ އިތުރަށް ފަރަށް އެރިޔަ ނުދިނުމަށް ރައްޔިތުން އިސްނަގައިގެން އިތުރު ނަގިލި ގެނެސް އޮޑި ހިފެހެއްޓޭތޯވެސް މަސައްކަތް ކުރިކަމަށެވެ.

އެރަށު ރައްޔިތުންގެ ފަރާތުން މިކަމަށް ބޮޑު އެއްބާރުލުމެއް ފެނިގެން ދިޔައިރު ހާއްސަކޮށް ޒުވާނުން އިސްނަގައިގެން މިކަމުގައި އުޅުމަކީ އުފާވާ ކަމެއްކަމަށް އަފްރާހް ވިދާޅުވި އެވެ. އަދި ރައްޔިތުން ދެއްވި އެއްބައިވަންތަކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ފެރީ ފުން ކުރެވިފައިވަނީ ގާތްގަނޑަކަށް 9:30 އާއި 10:00 ދޭތެރޭ ވަގުތެއްގަ އެވެ. ފެރީ ފަރަށް އެރި ވަގުތު އޭގައި ތިބީ ކުރިނބީގެ އިތުރުން ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނާވައިދޫއިން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން އައި މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355