ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރަން ހަވާލުކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިންގ ޑައިރެކްްޓަރު ފައިޒަލް ޙާންއަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ ކަމާލު އިސްތިއުފާ ދެއްވައިފި އެވެ. އެންއައިއައި އިން ހަވާލުވި ފަހުން ފާއިތުވި ހަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެހޮސްޕިޓަލުގެ ސީއީއޯއަށް ހުންނެވީ ޑރ ކަމާލެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ޕްރޮޖެކްޓް ފެއިލްވާން ދިމާވި މައްސަލާގައި މީޑީއާއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ކޭއޯގައި ވާހަކަ ދައްކަވަމުން ޑރ ކަމާލު ވިދާޅުވީ ފައިޒަލް ހާންގެ އެދިލެއްވުމަށް އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެމަގާމާ ހަވާލުވެއްލެވީ ވަރަށް ފޮނި އުންމީދުތަކާއެކު ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކުރިން ކުޅުދުއްފުށީގައި ހިދުމަތްކޮށް އަލުން އެރަށަށް ހިދުމަތްކުރުމަށް ފުރުސަތު ލިބިގެންދާތީ ކަމަށެވެ. އަދި އެފުރުސަތު ލިބިގެންދިޔައީ އިންޑިޔާގެ ހިއްސާ އޮންނަށް ކުންފުންޏަކަށްވާތީ ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކަށީގެންވާ ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށް އުންމީދުކޮށްގެން ކަމަށެވެ.
ސީއީއޯގެ ގޮތުގައި އޭނާއަށް ވަޒީފާ ދެއްވީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލުގެ ތެރޭގައި އޮތް ބައްދަލުކުރެއްވުމެއް ތެރެއިން ކަމަށާއި މުސާރަވެސް ކަނޑައެޅީ ފައިޒަލް ޙާން ކަމަށް ޑރ ކަމާލު ވިދާޅުވި އެވެ. އެ ބައްދަލުކުރެއްވުމުގައި އެންއައިއައިގެ ދިވެހި ހިއްސާދާރު އަލީ އުސެއިދުވެސް އިންނެވިކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ހުރިހާކަމެއްވެސް ފައިނަލްކޮށް ނިންމެވީ އެބައްދަލުކުރެއްވުމުގެ ތެރެއިން ފައިޒަލް ޙާން ކަމަށެވެ.
ޑރ ކަމާލަކީ ރާއްޖޭގައި ދަތުގެ ފަރުވާދިނުމަށް 16 އަށްވުރެ ގިނަ އަހަރު މަސައްކަތްކުރައްވާފައިވާ ދިވެހީންގެ ގިނަ ބަޔަކު ދަންނަ ޑޮކްޓަރެކެވެ. އޭނާ ވަނީ ކުޅުދުއްފުށީގައިވެސް 2 އަހަރެއްހާ ދުވަހު ދަތުގެ ކުލިނިކެއްގައި މަސައްކަތް ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ފައިޒަލް ޙާން މަސައްކަތްކުރެއްވީ އާސަންދަ ރުފިޔާއިން އެކަނި ހޮސްޕިޓާ ތަރައްގީކުރުމަށް ކަމަށެވެ.
ޑރ. ކަމާލް ވިދާޅުވީ ހޮސްޕިޓަލުން ގިނަ ހަރަދުތަކެއް ކުރަން ޖެހޭއިރު ދައްކަން ޖެހޭ ބިލްތައް ދުވަހުން ދުވަހަށް ނުދެއްކި ފުނި ޖެހިފައިވާކަމެވެ. އެހެން ކަންތައް ދިމާވީ ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށް ބޭނުންވާ އެއްވެސް ފަންޑެއް އިންޑިޔާގެ މައި ހިއްސާދާރު ފައިޒަލް ޙާން ނުފޮނުވާތީ ކަމަށެވެ. ސަރުކާރާ އެއްބަސްވެފައިވާ ގޮތަށް ތަރައްގީގެ އެއްވެސް މަޝްރޫއު ހޮސްޕިޓަލުގައި ހިންގާފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ތަރައްގީގެ ޕްރޮޖެކެޓްތައް މަޑުޖެހި ޑޮކްޓަރުން ފޮނުވުމުގެ ދަތިކަން ކުރިމަތިވީ ސީދާ ފައިޒަލް ޙާންގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
” ފަންޑުގެ ދަތިކަން ކުރިމަތިވެ ޓައިމްލައިނާ އެއްގޮތަށް ކަންކަން ކުރިއަށްނުދާތީ އެކަމުގެ ޝަކުވާކުރާ ކޮންމެ ފަހަރަކު ފައިޒަލް ވިދާޅުވަނީ މަޑުމަޑުން ހުރިހާ ކަމެއްވެސް ކޮށްދޭނަމޭ.” އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ފައިޒަލް ޙާން ވިދާޅުވި އެވެ.
ޕްރޮޓޮކޯލްގައިވާ ގޮތުން ފޮނުވޭ ހުރިހާ ފައިސާ އެއްވެސް ފޮނުވެން ޖެހޭނީ ސީއީއޯ މެދުވެރިކޮށެވެ. އެހެންނަމަވެސް އެފަދަ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. ފައިޒަލް ޙާން ކުޅުދުއްފުށީ ހޮސްޕިޓާ ހިންގަވަން މަސައްކަތްކުރީ ކުލިނިކެއްގެ ގޮތުގައި ކަމަށާއި ހަމައެކަނި ފޮނުއްވަނީ ވިޒިޓިންގ ޑޮކްޓަރުން ކަމަށެވެ. ދާއިމީ ޑޮކްޓަރުން ފޮނުއްވާދެވުމަށް އެދި އާދޭސްކުރެއްވި ކަމަށް ކަމާލް ވިދާޅުވި އެވެ. ބައެއް ފަހަރު ވިޒިޓިންގ ޑޮކްޓަރުންގެ އަތުގައި އެ ޑޮކްޓަރެއްގެ އެކޮމަޑޭޝަނަށް ބޭނުންކުރެވޭ ވަރަށް ފައިސާ ފޮނުވާ ކަމަށާއި އިތުރު އެއްވެސް ފައިސާއެއް ފައިޒަލް ޙާން ނުފޮނުވާކަމަށް ކަމާލު ވިދާޅުވި އެވެ.
ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް އެއްވެސް ތަރައްގީއެއް އެންއައިއައި އިން ގެނެސްދެވިފައިނުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިހާލަތަށް ހޮސްޕިޓަލު ވެއްޓުމުގައި ކުންފުނީގެ މައި ހިއްސާދާރުގެ އިހުމާލު ވަރަށް ބޮޑުކަމަށެވެ. ޑރ ކަމާލް ވިދާޅުވާ ގޮތުގައި އެންއައިއައިގެ ދިވެހި ހިއްސާދާރު އަދި ޑެޕިއުޓީ ޑައިރެކްޓަރު އަލީ އުސެއިދު މަސައްކަތް ކުރީ ރައްޔިތުންނަށް ވެފައިވާ ވައުދާއި އެއްގޮތަށް މަސައްކަތްތައް ގެންދިއުމަށް ފައިޒަލް ޚާން އަށް ވިސްނައިދެވޭތޯއެވެ. އަދި އެކަންކަން ފަންޑަކާއި ނުލައި ނުކުރެވޭނެ ކަމަށެވެ. ވަކި ޓައިމްލައިންއެއް ކަނޑައަޅައި ޕްރޮޓޮކޯލް އާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވޭނީ ފަންޑް ވީހާވެސް އަވަހަަށް ޖަމާވެގެންކަމަށް ތަކުރާރުކޮށް ފައިޒަލް ހާންގެ އަރިހުގައި ދަންނަވަމުންދިޔަ ކަމަށް ޑރ ކަމާލު ވިދާޅުވި އެވެ.
އެންއައިއައި ގައި ނިމްސްގެ ހިއްސާ އޮންނަކަން އެންގުމުން އެކަމާ ހިތްހަމަނުޖެހިގެން އެތާ މަސައްކަތްކުރި އިންޑިޔާގެ 10 ވަރަކަށް ނަރުހުން ވަޒީފާއިންވެސް ވަކިވިކަމަށާއި އަދި އޭގެ ފަހުންވެސް ބައެއް ޑޮކްޓަރުން ވަޒީފާއިން ވަކިވީ ފައިޒަލް ޙާން ފޮނުވާފައި ހުންނަ ނުފޫޒު ގަދަ އަންހެނެއްގެ ސަބަބުންކަމަށް ޑރ ކަމާލު ތުހުމަތުކުރެއްވި އެެވެ.
ކުޅުދުއްފުށި ހޮސްޕިޓަލް އަށް ގެންނަން ހަމަޖެހިފައިވާ ސީޓީ މެޝިންވެސް އަދި އެކޯ މެޝިން ކުޅުދުއްފުއްޓާ ހަމައަށް ގެނައުމަށް ފައިޒަލް ޙާން ހަވާލުކޮށްފައިވަނީ ޖީއީ ކުންފުންޏާ ކަމަށާއި ނަމަވެސް އެކަން ހުއްޓި، އެތަކެތި ކުޅުދުއްފުށީ ހޮސްޕިޓަލާ ހަމައަށް ނުގެނެވިފައިވާ ސަބަބެއް ނޭނގޭ ކަމަށް ކަމާލު ވިދާޅުވި އެވެ. ހުޅުމާލެ ހޮސްޕިޓަލް ފަދަ ހޮސްޕިޓަލުތަކަށްވެސް ތަކެތި ޓްރާންސްޕޯޓް ކޮށްދިނުމުގެ ކަންތައްތައް ކުރަމުން ހަމަ އައީ ޖީއީ ކުންފުނިން ކަމަށާއި އެހެންކަމުން ކުޅުދުއްފުއްޓާއި ހަމައަށް އެ މެޝިންތައް ނުގެނެވެންވީ އެއްވެސް ސަބަބެއްވެސް ނެތް ކަމުގައި ޑރ.ކަމާލް ވިދާޅުވެއެވެ. މި މަސައްކަތްތައްވެސް ފައިޒަލް ޙާން ޖީއީ ކުންފުންޏާ ހަވާލުކޮށްފައިވާއިރު އެކަންތައްތައް ކުރިއަށް ނުދިއުމުން ފައިޒަލް ޙާން ކުށްވެރި ކުރަނީ ހޮސްޕިޓަލް އާއި ހަވާލުވެފައިވާ ދިވެހި ޑައިރެކްޓަރުން ކަމަށް އޭނާ ވިދާޅުވި އެެވެ.
ޖުލައިމަހުން ފެށިގެން ޑރ.ކަމާލްގެ މުސާރަ ޖަމާވެފައި ނުވާއިރު، އެކަމާ ބެހޭ ގޮތުން ހޮސްޕިޓަލްގެ ޑެޕިއުޓީ ޑައިރެކްޓަރު އުސެއިދު އާވާހަކަ ދެއްކެވުމުން އެކަން ފައިޒަލް ޚާން އާ ހަމައަށް ގެންދެވި ކަމަށެވެ. އޯގަސްޓްމަހާއި ސެޕްޓެމްބަރުމަހުގެ މުސާރަ ފައިޒަލް ހާންގެ އަރިހުގައި އާދޭސްކޮށްގެން ލިބުނުކަމަށް ކަމާލު ވިދާޅުވި އެވެ. އޮކްޓޯބަރުމަހާއި ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ މުސާރަވެސް ލިބިފައިނުވާ ކަމަށެވެ. އެކަމާ ޝަކުވާކުރެއްވުމުން ފައިޒަލް އެދިލެއްވީ އެކަމާ ވާހަކަދެއްކުމަށް އިންޑިޔާއަށް އައުމަށް ކަމަށެވެ. އަދި ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހު ނިމްސް ހޮސްޕިޓަލްގައި ފައިޒަލް ޚާން އާ ބައްދަލުކުރުމުން، ޖެނުއަރީ މަހުގެ 10 ގެ ކުރިން މުސާރަ ޖަމާކޮށްދޭނެ ކަމުގައި ފައިޒަލް ވިދާޅުވިކަމަށް ކަމާލު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ފައިސާ އަދިވެސް ޖަމާވެފައި ނުވާކަމަށް ޑރ. ކަމާލް ވިދާޅުވެއެވެ. އަދި އޭރު ހޮސްޕިޓަލަށް އައި ބައެއް ވިޒިޓިންގ ޑޮކްޓަރުންގެ ފަރާތުންވެސް މުސާރަ ލަސްވާކަމުގެ ޝަކުވާލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ކަމާލް ހޮސްޕިޓަލް އިން އިސްތިއުފާދީފައިވާއިރު، އޭނާ ވިދާޅުވެފައިވަނީ މުސާރަ ނުދޭ މައްސަލަ ޓްރަބިއުނަލްއަށް ހުށަހަޅާނެ ކަމަށެވެ.
މިދަނޑިވަޅުގައި އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އަލުން އަނބުރާ ހޮސްޕިޓަލް ސަރުކާރަށް ނެގުމެވެ. ނިމްސް އިން މިހާރު އެހިންގަމުން ދާ ގޮތަށް ވުރެ މާ ރަންގަޅަށް ހޮސްޕިޓަލް ހިންގުމުގެ ގާބިލްކަން ސަރުކާރަށް ލިބިފައިވާކަމަށެވެ. މީގެ ކުރިން ވަކި ޕްރޮޓޮކޯލް އެއް ފޮލޯ ކުރަންޖެހުމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ހިއްސާ ނުކޮށް ހުރި ކަމުގައި ވިޔަސް، އޭނާ މިތަން ދޫކޮށް ދިއުމުގެ ކުރިން ރައްޔިތުންނަށް މިކަންކަން އޮޅުން ފިލުވައިދޭން ބޭނުންވާ ކަމުގައި ޑރ. ކަމާލް ވިދާޅުވިއެވެ.