twitterviber whatsapp telegramfacebookyoutube instagram
26th May 2025

ހުރިހާކަމެއް ހުރީ ފުރިހަމައަށް ތައްޔާރުވެފަ، ދަތިކަމެއް ނެތް: ކުޅުދުއްފުށީ ސްކޫލުތައް

Jan 14, 2018

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނުއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގައި ދަތިތަކެއް ނެތި، ވަސީލަތްތައް ފުރިހަމަ ވެފައިވާ ކަމަށް ސްކޫލު ތަކުން ބުނެފި އެވެ.

ކުޅުދުއްފުށީގައި ސްކޫލުތަކުގެ ވެރިންނާ ވާހަކަ ދައްކާލުމުން ވިދާޅުވެފައިވަނީ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުންނާއި އެހެނިހެން ވަސީލަތްތައް ހަމަ ލިބިފައި ހުރި ކަމަށެވެ.

މިއަހަރު އަލަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 8 އުފައްދާފައިވާއިރު ގިނަ އަދަދެއްގެ ކުދިން ވަނީ އެސްކޫލުގައި ތައުލީމް ހާސިލް ކުރާނެ އެވެ. އެ ސްކޫލުގައި ކިޔަވައިދިނުން ކުރިއަށް ދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

1305 ދަރިވަރުންނާއެކު އެސްކޫލުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީވެސް ހދ އޭއީސީއަށެވެ. މިއަހަރު އޭއީސީގައި ގުރޭޑް 8 އުފައްދައި ކިޔަވާދޭން ވަނީ ފަށާފަ އެވެ.

ޖަލާލުއްދީން ސްކޫލަކީ ސާނަވީ އަދި މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލަކަށް ވީނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ސުކޫލު ވެގެން ދާނީ ހަމައެކަނި މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލަކަށެވެ. އެގޮތުން މި އަހަރު ގްރޭޑް 8 ކަށް ކުދިން ވައްދާފައެއް ނުވެއެވެ.

ކުޅުދުއްފުށީގެ ހުރިހާ ސްކޫލުތަކެއްގައިވެސް ގިނަ ތައްޔާރީތަކެއް ވެފައިވާއިރު ތައުލީމީ ގޮތުން ކާމިޔާބު އަހަރަކަށް ހެދުމަށް ވަނީ އަޒުމު ކަނޑައަޅާފައެވެ.

އަފީފުއްދީން ސްކޫލުގައި މިއަހަރު އަލަށް ވަނީ އޯޓިސްޓިކް ކުދިންނަށް ކިޔަވައިދޭން ފަށާފަ އެވެ. އެކަމުގެ ތަމްރީން ލިބިފައި ހުރި ޓީޗަރަކާއެކު އޯޓިސްޓިކް ކުދިންނަށް ކިޔަވައިދޭން ފަށާފައިވާއިރު އެކުދިންވެސް ގެންގުޅޭނީ އެހެން ކުދިންނާވެސް އެކުގައި އެވެ.

މި އަހަރުވެސް އެންމެ ބޮޑު އާބާދީއާ އެކު ކިޔެވުން ފެށި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ. ގުރޭޑް އަށަކަށް މިއަހަރު ކިޔަވާދޭން ފެށި އެ ސްކޫލުގެ އާބާދީ ވަނީ 1305 އަރާފަ އެވެ. ފައުންޑޭޝަން ގުރޭޑުން ފެށިގެން ކީ ސްޓޭޖް ތިންނަކަށް ކިޔަވާންދޭން ފެށި މިސްކޫލަކީ އަތޮޅުތެރޭގައި ހުރި އެންމެ އާބާދީ ބޮޑު ސްކޫލެވެ. މިދިޔަ އަހަރު ޖުމްލަ 1159 ދަރިވަރުން އެ ހދ އޭއީސީގައިތައުލީމް ހާސިލުކޮށްފައިވެ އެވެ.

ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި މިއަހަރު 820 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. މިއަހަރު އަލަށް އެސްކޫލާ ވަނީ 106 ދަރިވަރަކު ގުޅިފަ އެވެ. މިދިޔަ އަހަރު އަފީފުއްދީން ސްކޫލުގައި 768 ދަރިވަރުން ތައުލީމު ހާސިލުކުރި އެވެ. އަފީފުއްދީންގައި މިއަހަރު ކުޅުދުއްފުށީގެ އިތުރުން 43 ރަށެއްގެ ކުދިން ތައުލީމް ހާސިލްކުރާނެ އެވެ.

ކުޅުދުއްފުށީ ސެކަންޑަރީ ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލްގެ މި އަހަރު ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި ބޮޑު ބަދަލު އެސްކޫލަށް އައިސްމިވަނީ މިއަހަރު ގުރޭޑް 8 އެސްކޫލުގައި ނުއުފައްދާތީ އެވެ. ގުރޭޑް ނުވައަކުން ފެށިގެން 12 ކިޔަވައިދޭއިރު މިއަހަރު ޖުމްލަ 247 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ. ނަމަވެސް ގުރޭޑް 11 އަށް ކުދިން ވަނުމުން އެންރޯލްމަންޓް އިތުރުވެގެންދާނެ އެވެ. މި ދިޔަ އަހަރު އެސްކޫލްގެ ޖުމްލަ އާބާދީއަކީ 427 ދަރިވަރުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ 2687 ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް 296 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355