ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންއަށް ރާއްޖެއިން ބޭރަށް ގުޅުމުގެ ފުރުސަތު ނުދޭން ކަރެކްޝަނަލް ސާވިސްއިން ނިންމައިފި އެވެ. މިކަން އެ ސާވިސްއިން ގައިދީންނަށް އަންގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ކަރެކްޝަނަލް ސާވިސްއިން އާދިއްތަ ދުވަހު ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މީގެފަހުން ގައިދީންނަށް ފޯނު ކޯލް ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް އެކަނި ކަމަށެވެ.
ކަރެކްޝަނަލް ސާވިސްއިން އެގޮތަށް ނިންމީ، ޖަލުތަކާއި ޕްރޯލް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި، ފޯން ކޯލް ދިނުމަށް ރަޖިސްޓަރީ ކުރާ ނަންބަރުތަކަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީއެވެ.
ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޯނު ކޯލްގެ އިތުރުން ވެސް ގިނަ އިނާޔަތްތަކެއް ކަރެކްޝަނަލް ސާވިސްއިން ފޯރުކޮށްދެ އެވެ. އެގޮތުން އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުންތައް ހިމެނެ އެވެ. ނަމަވެސް މީގެކުރިން ވެސް އެ އިނާއަތްތައް އެކި ސަބަބުތަކާހުރެ ހަނިކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާއިލީ ބައްދަލުވުންތަކުގައި ގައިދީންނަށް އެއްވެސް ބާވަތެއްގެ އެއްޗެއް ގެންދިއުމާއި ދިނުން މަނާކުރި އެވެ. ގައިދީންނާ ބައްދަލު ކުރަން ދާ ފަރާތްތަކަށް ލުއި ކާނާ ފަދަ ތަކެތި މީގެ ކުރިން ގެންދަ އެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް މިހާރު ޖަލަށް ވެއްދުމަކީ މަނާ ކަމެކެވެ. އެކަން މަނާކުރީ އެފަދަ ތަކެތީގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވުމުންނެވެ.