ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ، އަލުން އެންއައިއައިއާ ހަވާކުރުމަށް އެހޮސްޕިޓަލުގެ 99 އިންސަތަ މުވައްޒަފުން ދެކޮޅެވެ.
އިންޑިޔާގެ ނިމްސް ހޮސްޕިޓާ ހިންގާ، ނޫރުލް އިސްލާމް އެޑިއުކޭޝަންގެ 80 އިންސަތަ ހިއްސާ އާއި ދިވެއްސެއްކަމަށްވާ އަލީ އުސެއިދުގެ 20 އިންސަތަ ހިއްސާ އޮވެގެން އުފެއްދި ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހިންގަން ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައިމަހު ތެރޭގައި އެވެ.
ދިވެހި ހިއްސާދާރުންނާއި އިންޑިޔާގެ ހިއްސާދާރުގެ ދެމެދުގައި ޖެހުނު ފައިސާގެ މައްސަލަތަކެއްގައި ހޮސްޕިޓަލްގެ ހިދުމަތް ހުއްޓި، އެތަން ހާލުގައި ޖެހުމުން މިދިޔަ ޑިސެމްބަރުމަހުން ފެށިގެން ހެލްތް މިނިސްޓްރީން ވަނީ ވަގުތީގޮތުން ހަވާލުވެފަ އެވެ. މިމައްސަލާގައި އެންއައިއައިގެ ހިއްސާދާރުން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހިޔާނާތުގެ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.
ދާދި ފަހުން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބުރާހިމް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ހޮސްޕިޓަލުގެ ސީނިއާރ މުވައްޒަފުންނާ ބައްދަލުކޮށް ހޮސްޕިޓަލުގެ ހާލަތު ބައްލަވާލެއްވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މިމައްސަލާގައި މިނޫހާ ވާހަކަދައްކާފަ އެވެ. އެމީހުންގެ ވާހަކަތަކުން އެނގިގެންދިޔައީ ހޮސްޕިޓަލުގެ 99 އިންސަތަ މުވައްޒަފުން އަލުން އެންއައިއައިއާ ހަވާލުކުރަން ދެކޮޅުކަމެވެ.
” ދިވެހި މެނޭޖްމެންޓެއް ނެތި ހަމައެކަނި ބޭރުގެ ބަޔަކަށް ދިނުން ބުއްދިވެރިއެއް ނޫން. އެކަން ފާއިތުވެގެންދިޔަ 6 މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ސާފުކޮށް ވަނީ އެނގިފަ.” ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ބުންޏެވެ. އަދި ޝަކުވާތައް ވަނީ މެޑަމް ފާތުމަތު އިބުރާހިމްއާވެސް ހިއްސާކުރައްވާފައިކަމަށް އެމުވައްޒަފުން ބުންޏެވެ.
މުވައްޒަފުން ބުނީ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓާ ހަވާލުކުރުމުން، މުވައްޒަފުން ވަރަށް ޕޮޒިޓިވްކޮށް، ވަރަށް ބުރަކޮށް އެ މަޝްރޫއު ކާމިޔާބުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ތަން ނުހިންގި މައްސަލަތައް ފެންމަތިވީ ހިއްސާދާރުންގެ މެދުގައި އުފެދު ހިޔާލު ތަފާތުވުންތަކުގެ ސަބަބުންކަން އެމީހުންވެސް ފާހަގަކުރި އެވެ.
އެންއައިއައި އިން ހިންގާފައިވަނީ ފައިސާގެ ޖަރީމާތަކެއް، ބިލުތައް ބަދަލުކުރީ މަޖުބޫރުކޮށްގެން: މުވައްޒަފުން
އެންއައިއައިގެ އޮޅުވާލުންތަކާއި މަކަރުވެރި އަމަލުތަކުގެ ސަބަބުން މުވައްޒަފުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފަކަމަށް އެމީހުން ބުނެ އެވެ. އެތަނުން ބައެއް މުވައްޒަފުން ބުނީ ދިވެހި ހިއްސާދާރު އަލީ އުސެއިދު ވަރަށް ބުރަކޮށް ހޮސްޕިޓާ ތަރައްގީކުރުމަށް މަސައްކަތްކުރިކަން އެނގޭ ކަމަށާއި އަދި އެކަންތައް އުސެއިދުކޮށްފައިވަނީ ލިޔެކިޔުން މެދުވެރިކޮށް ކަމަށް އެމީހުން ބުންޏެވެ.
އުސެއިދު ހުންނެވިއިރު ބައްދަލުވުންތައްވެސް ވަރަށް ރަނގަޅަށް ގަވައިދުން ބާއްވާފައިވާ ކަމަށް އެ މުވައްޒަފުން ބުންޏެވެ. ނިމްސް އައިސް ތިބި ބައެއް މީހުންގެ ފަރާތުން ހޮސްޕިޓަލުގެ ދިވެހި މުވައްޒަފުން ނިކަމެތިވާގޮތަށް ކަންތައްތައް ކުރިކަމަށް އެމީހުން ބުނެ އެވެ. އެގޮތުން ޕޭޝަންޓުންކުރިމަތީގައި މުވައްޒަފުންނާ ދިމާއަށް ދަށް ބަހުރުވައިން ހަޅޭލެވުން ފަދަ ކަންތައްތައް ކުރިމަތިވި ކަމަށެވެ. އަދި ނަރުހުންގެ ޖަގަހަތަކުގައި ހުންނަ އައިސް އަލަމާރީގައި ބޭހާއި އިންޖިކްޝަން ފަދަ މުހިންމު ތަކެތި ހުއްޓާ އޭގެއިން ކަރަންޓް ކަނޑާލައި ހަދާކަމަށް އެ މުވައްޒަފުން ބުންޏެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް–
” ދިވެހި ހިއްސާދާރުންގެ ފަރާތުން އެފަދަ ކަންތައްތަކެއް ނުފެނޭ. އެކަންތައްތައް ކުރަނީ އިންޑިޔާއިން ފައިޒަލް ހާން ފޮނުވާފައި ހުންނަ އާރިޔާ ނަމަކަށް ކިޔާ އަންހެނަކު. އެމީހާގެ އަމަލުތަކުގެ ސަބަބުން ގިނަ ޑޮކްޓަރުންތަކެއްވެސް ވަނީ ވަޒީފާދޫކޮށް ގޮސްފަ. ހާއްސަކޮށް ނިމްސް ހިއްސާވާ ކުންފުންޏަކަށް ހޮސްޕިޓަލުން ދޭން މިތަނުގެ 99 އިންސަތަ މުވައްޒަފުން ދެކޮޅުވަނީ މިސަބަބުތަކާ ހެދި.” ކުޅުދުއްފުށީ ހޮސްޕިޓަލުގެ މުވައްޒަފުން ބުންނެވެ.
އަލުން ނިމްސްއާ ހަވާލުކޮށްފިނަމަ މިހާރު ތިބި ގިނަ އަދަދެއްގެ ޑޮކްޓަރުންވެސް އިސްތިއުފާދޭނެކަމަށް އެ ޑޮކްޓަރުންވެސް ބުނެ އެވެ. ޓައިމްލައިންގައި ވާގޮތަށް އެއްވެސް ކަމެއް ކުރެވިފައިނުވާއިރު އަލުން އަނެއްކާވެސް އެންއައިއައިއަށް ހޮސްޕިޓާ ހަވާލުކުރުމަށް ގިނަ ބަޔަކު އަންނަނީ ދެކޮޅު ހަދަމުންނެވެ.
އެންއައިއައި އަށް ކުރިން ނުހިންގުނު ހޮސްޕިޓަލެއް އަލުންދީގެން ހިންގިދާނެ ބާ ؟
ކުޅުދުއްފުށީ ހޮސްޕިޓަލަކީ 240 ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ތަނެކެވެ.