twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށިން ކަރަންޓް ކެނޑޭތާ 2 ހަފްތާ، ހިދުމަތްތަކަށް ބުރޫއަރާފަ، ރައްޔިތުން ރަތަށް !

Feb 11, 2018

މިދިޔަ ޖެނުއަރީ މަހު 21 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ހުންނަ އެންމެ ބޮޑު 3 ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަަށް ދިމާވި މައްސަލައަކާއި ގުޅިގެން ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށް ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ވަނީ އަންގާފަ އެވެ.

ޖެނުއަރީ 23 ގައި ފެނަކައިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރަށަށް ކަރަންޓް ފޯރުކޮށްދެމުން ގެންދާ އިންޖީނުތަކުގެ ތެރެއިން 1 މެގަ ވޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެކި ހިސާބުތަކުން ކަަަރަންޓް ކަނޑަން ޖެހިދާނެ ކަމަށާއި އެެހެން ކަމުން މަތިން ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން ފުރަތަމަ ކަރަންޓް ކަނޑަން ފެށީ ޖެނުއަރީ 25  ގަ އެވެ. އޭގެ ފަހުން އިއްޔެއާއި ހަމައަށްވެސް އައީ އެކި ހިސާބުންތަކުން ކަރަންޓް ކަނޑަމުންނެވެ. ރަށުގެ އެކި ހިސާބުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކަނޑަމުންދާއިރު ކަރަންޓު ނުލިބި ގަޑިއިރަކަށް ވުރެ ގިނައިރު ތިބެން ޖެހެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު ވިޔަފާރިތަކާއި ބޭންކިން ހިދުމަތްތަކަށްވެސް ދަނީ ބުރޫއަރަމުންނެވެ.

ކަރަންޓާއި ފެން އަގުހެޔޮކޮށް ސަރުކާރުން އެކަން އިއުލާނުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ކަރަންޓްގެ މައްސަލަ ދިމާވުމާއި ގުޅިގެން ރައްޔިތުންގެ ފާޑު ކިއުންވެސް އަންނާނީ ސަރުކާރަށް އަމާޒުވަމުންނެވެ.

އަދި ކުޅުުދުއްފުށީ ކަރަންޓްގެ ހާލަތާއި ގުޅޭ ގޮތުން ފެނަކައިން އެންމެ ފަހުން ނެރުނު ބަޔާނުގެ ސަބަބުން ފެނަކައަށްވެސް އަންނަނީ ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވަމުންނެވެ. އެންމެ ފުރަތަމަ އެ އިދާރާއިން ނެރުނު ބަޔާނާއި އެންމެ ފަހުން މި މަހު ނެރުނު ބަޔާނުގައި ކަރަންޓުގެ މައްސަލަގައި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކޮށް ރައްޔިތުންވަނީ އެކަމަށް ސުވާލު އުފައްދާފަ އެވެ.

އެގޮތުން ފަހުން ނެރުނު ބަޔާނުގައި ވާގޮތުން ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތާއި އަދި އިންޖީނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމުންދާ ކަމަށެވެ. އަދި މި މަސައްކަތަށް 10 ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެމުއްދަތުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށެވެ.

ފެނަކަ އިން މިހެން ބުނިނަމަވެސް ކުޅުދުއްފުށީ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، އިންޖީނުގެ މަރާމާތުކުރުމުގެ އެއްވެސް މަސައްކަތްތެއް އެތަނަކު ކުރަމުންނެއް ނުދެ އެވެ. އަދި ކަރަންޓް ގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސް ވެގެން މިދަނީ މައްސަލަ ޖެހުނު ޖަނަރޭޓަރު ނުހެދި ލަސްވަނީ އެއަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެންނަށް ޖެހުމުންނެވެ. އެކަމަކު އެތަކެތި މިހާ ގިނަ ދަވަސްތަކެއްވެފައިވާއިރުވެސް ނުގެނެވިލަސްވަމުންދާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލަ ހަމައެކަނި އޮތީކީ އެއް މިމައްސަލަ އެކަންޏެއްވެސް ނޫނެވެ. އިންޖީންތައް ބަހައްޓާފައި ހުންނަތަނަކީ މީގެ އެތައް ޒަމާނެއްކުރިން ހަދާފައިވާ ތަނަކަށްވުމުން، އެތަނުގެ ޓެމްޕަރޭޗާރ މަތިވުމުންވެސް ބައެއް ފަހަރު އިންޖީންތަކަށް ރެސްޓް ދިނުމުގެ ގޮތުން ކަނޑާލަން ޖެހޭ ފަހަރު އާދެ އެވެ.

“މިހާރު ބޭނުންކުރާ އިންޖީނުތަކަށްވުރެ ކުޑަ އިންޖީނުތަކަށް ހާއްސަކޮށްގެން ހަދައި ހުރި ވަރަށް ދުވަސްވީ އިމާރާތެއްގައި އިންޖީނުތައް އެހުންނަނީވެސް. އިމާރާތް ހުރިގޮތަށް ހުއްޓާ ބޮޑެތި އިންޖީނުތަކެއް ގެނައުމުން ތަނުގެ ޓެޕްރޭޗާރ މަތިވެ އިންޖީންތައް ކަނޑާލަން ޖެހޭ ފަހަރުވެސް އާދޭ”. އެކަން އެނގޭ މީހަކު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި މިމައްސަލަތައް މުޅިން ހައްލުވާނީ އިންޖީނުތަކަށް އެކަށީގެންވާ އިމާރާތެއްވެސް ލިބިގެން ކަމަށެވެ.

ކަރަންޓް ކެނޑުމުގެ ސަަބަބުން ރައްޔިތުންނަށް ގިނަ އުދަނގޫތަކެއް ކުރިމަތިވެގެން ދިޔައިރު ރައްޔިތުންނާށް ހިދުމަތްދެމުން އަންނަ އިދާރާތަކުގެ މަސައްކަތްތަކަށް ވެސް މިކަމުގެ ސަބަބުން އަންނަނީ ބުރޫއަރާފަ އެވެ.

މިވަގުތު ކުޅުދުއްފުއްޓަށް ކަރަންޓު ދެމުން އަންނަނީ 1 މެގަ ވޯޓުގެ 2ޖަނަރޭޓަރުންނާއި 800 ކިލޯ ވޯޓުގެ 2 ޖަނަރޭޓަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355