ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންނަ މަސައްކަތް ކުރި ސީޓީ މެޝިން މިއަދު އެ ހޮސްޕިޓަލަށް ގެނެސްފި އެވެެ. މިމެޝިން ކުޅުދުއްފުއްޓާ ހަމައަށް ގެނެސްވިމިވަނީ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ހިއްސާދާރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްއިން ނުނެރެވި ހުރެފަ އެވެ.
ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އިންޓަނޭޝަނަލް އޮޕަރޭޝަންސް މެނޭޖަރ އަހުމަދު ނަސީރު ކޭއޯއަށް ވިދާޅުވީ މިއަދު ސީޓީ މެޝިން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މެޝިން ބަހައްޓަން ވެގެން ތައްޔާރުކުރާ އިމާރާތް އަދި ނިމިފައިނުވާތީ މެޝިން ބަހައްޓާ ހިދުމަތް ދޭން ދުވަސް ނަގާނެކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެޝިން ބަހައްޓަން ތައްޔާރުކުރާ އިމާރާތުން އަދި ނިމިފައިވަނީ 70 އިންސަތަ ކަމަށާއި އިމާރާތް ނިމުމުން މެޝިން އިންސްޓޮލޭޝަންގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ސީޓީ މެޝިންގެ އިންސްޓޮލޭޝަންއަށް ބޭނުންވާ ބައެއް ސާމާނާއި އެކޯ މެޝިން އަންނަ ހަފްތާ ތެރޭގައި ކުޅުދުއްފުއްޓާ ހަމައަށް ފޮނުވާލެވޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސީޓީ ސްކޭންގ މެޝިން މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލަށް ބާލަނީ–ފޮޓޯ: މަމްދޫހް
ހޮސްޕިޓަލް ހިންގަން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަންގެ ދެ ހިއްސާދާރުގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމާއެކު ހޮސްޕިޓަލު ހިންގުން ހުއްޓުމުން، މިހާރު ހޮސްޕިޓަލާ ހަވާލުވެ ހިންގަމުން އަންނަނީ ހެލްތް މިނިސްޓްރީން އެވެ.