މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށިން ނެރޭ ޓީމަށް ކައުންސިލުން ދޭ ފައިސާގެ އެހީ ކުޑަކޮށްފި އެވެ. މިއަހަރު ނެރޭ ޓީމަށް ދިނުމަށް ކައުންސިލުން ހަރަދުކުރަން ކަނޑައަޅާފައިވަނީ 150،000ރ ބަޖެޓެކެވެ.
މިދިޔަ އަހަރު ކުޅުދުއްފުށީ ޓީމަށާއި މުބާރާތް ހޯސްޓްކުރުމަށް ކައުންސިލްގެ މާލިއްޔާއިން 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނިމި ދިޔަ އަހަރު ކުޅުދުއްފުށީ ޓީމަށް ކުރެވުނު ހަރަދުތަކުގެ ތަފްސީލްތައް އޮޅުންބޮޅުވެ ގިނަ ބަޔަކު ޝަކުވާވެސް ކޮށްފަވެ އެވެ. އަދި ފުޓްބޯޅައަށް އެކަނި ކައުންސިލްގެ މާލިއްޔާއިން ބޮޑެތި ހަރަދުތައް ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންވެސް ނިމިދިޔަ ކައުންސިލަށް ވަނީ އަމާޒުވެފަ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ކޭއޯއަށް ވިދާޅުވީ، މިއަހަރު އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރަން ކައުންސިލުން ގަސްތުކޮށްފައި އޮތުމުން ފުޓްބޯޅަ ޓީމަށް، ކައުންސިލް މާލިއްޔާއިން ކުރާ ހަރަދު ކުޑަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރު ކުޅުދުއްފުށިން ނެރޭ ޓީމަށް ހަރަދުކުރާނީ ކައުންސިލާއި ޓީމަށް ހެޔޮއެދޭ ފަރާތްތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ކައުންސިލް މާލިއްޔާއިން ފުޓްބޯޅަ ޓީމަށް ކުރާ ހަރަދު ކުޑަކޮށްފައިވީނަމަވެސް ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުން އަދި ޓީމަށް ހެޔޮ ހެދޭ ފަރާތްތަކާއެކު އެހީތެރިކަން ހޯދުމަށް އެފަރާތްތަކާއެކު ވާހަކަދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ޓީމަށް ހެޔޮ އެދޭ ފަރާތްތަކާއެކު ދެއްކި ވާހަކަތަކުން ވަރަށް އެދެވޭ ޖަވާބުތަކެއް މިހާރުވެސް ލިބިފައިވާ ކަމަށާއި ކައުންސިލުން ކުރާ ހަރަދު ކުޑަ ނަމަވެސް ޓީމަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާއެކު މިއަށްވުރެ ރަނގަޅު ހޭދައެއްކުރަން ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ކުޅުދުއްފުށީގެ ޓީމްގެ ޕްރެކްޓިކްސްތައް މިހާރު ވަނީ ފަށާފަ އެވެެ.