ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިކަމަށްޓަކާ މިއަދު ރީޖަނަލް އެއާޕޯޓުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އިބްރާހިމް ޒިއަތު އެވެ. ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާމީ އަގީލް ވިދާޅުވީ އެމްޓީސީސީއަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އަޅަން ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ އެޅުމަށް އެމްޓީސީސީއާ ހަވާލުކުރަނީ–ފޮޓޯ: އަވަސް
ކުޅުދުއްފުށީގައި 50.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިމަޝްރޫއު ހަވާލުކުރީ 160 ދުވަހުގެ ތެރޭގައި ނިމުމަށެވެ. ކުޅުދުއްފުށީގައި އަޅާ ރަންވޭގެ ބޮޑު މިނުގައި 1.2 ކިލޯ މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެ އެވެ.