ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރުދަސްކޮށްދިނުމުގެ ގޮތުން ކޯޗުން ތަމްރީނުކުރުމަށް، ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތު (ސުކައި)އާއި ހިރަފުސް އަދި ، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައުރޫފް އަހުމަދު (މާއްޓޭ) އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން “އެފް.އޭ.އެމް ގްރާސްރޫޓް ކޯޗިންގ ކޯސް” އެއް ކުޅުދުއްފުށީގައި ބޭއްވުމަށް އިއުލާން ކޮށްފިއެވެ.
މިކޯސް ކުރިއަށްދާނީ 22 މާރިޗު 2018 އިން 28 މާރިޗު 2018 އަށެވެ. މިކޯހުގައި ކިޔަވައިދެނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންސްޓްރަކްޓަރެކެވެ. އަދި މިކޯސް އަމާޒުކުރެވިފައިވަނީ ހދ. އަތޮޅު ރަށްރަށުގެ ޒުވާނުންނާއި، ކޯޗުންނަށާއި، ޓީޗަރުން އަދި ފުޓްބޯލް ކޯޑިނޭޓަރުންނަށް ކަމަށް ސުކައި ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
އަދި މި ކޯޗިން ކޯހަށްފަހު ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިފެސްޓިވަލުގައި ދިވެހިރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ބައިވެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަށް ސުކައި ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2018 ވަނަ ދުވަހުގެ 22:00 ގެ ކުރިން އެޕްލިކޭޝަންފޯމް ކުޅުދުއްފުށީ “ސޭމް ސްޕޯރޓްސް” އަށް ހުށަހެޅުއްވުމަށް އެޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ. މިކޯހުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް “ސޭމް ސްޕޯރޓްސް” އާއި، ހިރަފުސް އަދި ސުކައި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެކަމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް ސުކައިގެ ރައީސް މުހައްމަދު ހަސަން (ފޯން: 7788286) އާއި ގުޅުއްވުމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައުރޫފް އަހުމަދު (މާއްޓޭ)ގެ ނަމުގައި ހިންގާ ކުޑަކުދިންގެ ފުޓްބޯޅަ އެކަޑަމީއެއް ކުރިއަށް އޮތްތާނގާއި ކުޅުދުއްފުށީގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއީ ކުޅުދުއްފުށީގެ ފުޓްބޯޅައާއި ޤާބިލުޖީލެއް ބިނާކުރުމަށް އެޅިގެންދާނެ ބިންގަލެއްކަމުގައި ސުކައިން ދެކެ އެވެ.