twitterviber whatsapp telegramfacebookyoutube instagram
29th March 2024

މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން އިފްތިތާހުކޮށްފި

Mar 6, 2018

މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރުއެވެ.

މުދަލު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒުކުރުމުގެ ގޮތުން މީރާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާ ދެމެދު 27 މާރިޗު 2016 ގައި ސޮއިކުރެވުނު މެމޮރަންޑެމް އޮފް އަންޑަސްޓޭންޑިންގ ގެ ދަށުން 01 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޙްމަދު ޒިޔާދު ވަނީ މުދަލު ޒަކާތުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި މީރާއިން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ފަހިކުރީ، މީރާއަކީ ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފީތައް ބަލައިގަތުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުއައްސަސާ ކަމަށްވެފައި، ޒަކާތުގެ ފައިސާ ވެސް ރައްކާތެރި ކަމާއެކު އެއް ތަނަކުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވާހަކަދައްކަވަމުން ވިދާޅުވީ، މީރާގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެގޮތް ހަމަޖެހިގެން ދިޔުމުގެ ސަބަބުން، މުދަލު ޒަކާތް ދައްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ އިލްތިޒާމުތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ލުއި ފަސޭހަ ކަމާއެކީ އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށާއި އަދި މި އަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މުދަލު ޒަކާތާމެދު އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355