އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، ފަހަތުން އަރައި ނޮޅިވަރަންފަރު ބަލިކޮށް ހދ އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފި އެވެ.
ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގައި ނޮޅިވަރަންފަރުގެ މައްޗަށް ހަނިމާދޫ ކުރި ހޯދީ 2-3 ހަނި ތަފާތަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ނޮޅިވަރަންފަރުންނެެވެ. މެޗުގެ 35 ވަނަ މިނިޓްގައި ނޮޅިވަރަންފަރުގެ މިލަނޑު ކާމިޔާބު ކޮށްދިނީ މުހަންމަދު ރިޔާޒު އެވެ. ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ނޮޅިވަރަންފަރުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑް ފުޅާކޮށްފައި އެވެ. އެ ލަނޑު ޖަހާދީފައިވަނީ ހުސެއިން ނިޝާހް އެވެ.
ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ހަނިމާދޫއަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.
ދެ ވަނަ ހާފްގައި ހަނިމާދޫން އެރިގޮތަށް އަރައި ލަނޑެއް ކާމިޔާބުކުރި އެވެ. މި ލަނޑު ކާމިޔާބުކޮށްދީނީ 47 މިނިޓްގެ ތެރޭގައި އަލީ އާމިރެވެ. ދެވަނަ ހާފްގައި ހަނިމާދޫން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 މިނިޓްގެ ތެރޭގައި މުހަންމަދު އަބުދުލްޣަފޫރު ޖެހި ލަނޑާއެކު ފަހަތުން އަރައި ނޮޅިވަރަންފަރާ އެއްވަރުކުރި އެވެ.
ހަނިމާދޫ މޮޅުވީ މެޗު ނިމެން ދިހަ މިނިޓަށް ވެފައިވަނިކޮށް އަލީފް އިބުރާހިމް ޖެހި ލަނޑުންނެވެ. މިމެޗުގައި ނޮޅިވަރަންފަރުންވެސް ވަނީ ހަނިމާދޫގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ހދ. އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދުމުން އެޓީމް ޒޯން ބުރުގައި ވާދަކުރަންޖެހޭނީ ހއ. އަތޮޅުގެ ޗެމްޕިއަން މުރައިދޫއާއެވެ. މިދެޓީމް ބައްދަލުކުރާ ފުރަތަމަ ލެގު ކުޅޭނީ އަންނަ ބުދަ ދުވަހު ހަވީރު ހަނިމާދޫގައެވެ.