twitterviber whatsapp telegramfacebookyoutube instagram
28th March 2024

“މާއްޓޭ” ފުޓްބޯލް އެކަޑަމީ ކުޅުދުއްފުށީގައި ފަށައިފި

Apr 15, 2018

ދިވެހި ފުޓްބޯޅައިގެ މަޝްހޫރު ގޯލްކީޕަރ މައުރޫފް އަހުމަދު (މާއްޓޭ) ހިންގާ ފުޓްބޯޅަ އެކަޑަމީއެއް ކުޅުދުއްފުށީގައި ފަށައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި މިއެކަޑަމީ ފައްޓަވައިދެއްވީ މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

މިއީ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތް (ސުކައި)، ހިރަފުސް ފުޓްބޯލް ޓީމް، އަދި މާއްޓޭ ގުޅިގެން ހިންގާ އެކަޑަމީއެވެ.

މިއެކަޑަމީގެ މައިގަނޑު ތަމްރީންތައް ކުރިއަށްގެންދާނީ ހިރަފުސް ދަނޑުގައި ކަމަށް ސުކައި ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އެހެންނަމަވެސް އެކަޑަމީގެ ފަރާތުން ހިންގާ ތަފާތު އެކިއެކި އިވެންޓްތައް ރަށާއި ރަށުންބޭރުގައިވެސް މުސްތަޤުބަލުގައި ކުރިއަށްގެންދިޔުމަށް ގަސްތުކުރާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

“މާއްޓޭ” ނަމުގައި ހިންގާ މިއެކަޑަމީއަކީ 6 އަހަރާއި 12 އަހަރާ ދެމެދުގެ ދެޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ އެކަޑަމީއެކެވެ. މިހާތަނަށް 60 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީކޮށްފައިވާ މިއެކަޑަމީގައި ކުދިން ތަމްރީނުކުރާނީ އެފް.އޭ.އެމް ގްރާސްރޫޓް ކޯޗިންގ ކޯސް ފުރިހަމަކޮށްފައިވާ ކޯޗުންނެވެ.

މިއެކަޑަމީގެ މައިގަނޑު މަގުސަދަކީ ފުޓްބޯޅައަށް ހުނަރުވެރި ކުދިންތަކެއް ތަމްރީނު ކުރުމާއެކު،  މުޖުތަމައުއަށް ހޭލުންތެރި، ދުޅަހެޔޮ، ރިވެތި އަހުލާގު ލިބިގެންވާ ގާބިލު ކުދިންތަކެއް ބިނާކުރުން ކަމުގައި އެފަރާތުން މައުލޫމާތު ދެއެވެ.

މާއްޓޭ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާކަމަށް ސުކައި ޖަމިއްޔާއިން މައުލޫމާތު ދެއެވެ. މިއެކަޑަމީގައި ބައިވެރިވުމަށް އިތުރު މައުލޫމާތު ހޯއްދެވުމަށް އަލީ އިސްމާއީލް (ފޯން: 9999543) އާއި ގުޅުއްވުމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355