twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުމުންދޫ ހުކުރު މިސްކިތުގެ ކުލަ ބަދަލުކުރަން އަންގައިފި

Jun 17, 2018

ހދ ކުމުންދޫގައި އެންމެ ފަހުން އިމާރާތްކޮށް ހުޅުވި މަސްޖިދުލް ފިރުދައުސްގެ ކުލަ ބަދަލުކުރަން އިސްލާމިކް މިނިސްޓްރީން އެރަށު ކައުންސިލަށް އަންގައިފި އެވެ.

2011 ވަނަ އަހަރުތެރޭގައި އިމާރާތްކުރަން ފެށި އެމިސްކިތް ނިންމާ ހުޅުވީ 2016 ވަނަ އަހަރުގެ ތެރޭގައި އެވެ. މިސްކިތް ހުޅުވިއިރުވެސް ލާފައިވަނީ ވަރަށް މަޑު ރީނދޫ ކުލައަކާއި ގަދަ ރީނދޫ ކުލަ އެކެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ، މިސްކިތުގައި ކުލަ ލާފައިވަނީ މިނިސްޓްރީން ހުއްދަ ލިބިގެން ކޮންޓްރެކްޓަރު ކަމަށެވެ.

” އޭރު މިސްކިތް އިމާރާތްކުރަން ހަވާލުވެހުރި އިނޯކާއިން މިނިސްޓްރީގެ އެޕްރޫވަލް ލިބިގެން ލާފައި ހުރި ކުލައެއް. އޭރުވެސް ކުލަލީ ފަހުން އެކުލަ ކަމު ނުގޮސްގެން ކުލަ ބަދަލުކުރަން މިނިސްޓްރީން މަސައްކަތް ކުރި. ” އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު މިނިސްޓްރީން ކުލަ ބަދަލުނުކުރީ އަގު ބޮޑުކަމަށް ބުނެ އެވެ. ކުމުންދޫ ހުކުރު މިސްކިތުގެ ކުލަ ބަދަލުކުރަން އަންގާފައިމިވަނީ އެރަށަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަޑައިގެން މިސްކިތް ބެލެއްވުމަށް ފަހު އެވެ. އީދު ބަންދުގެ ކުރިން އެކައުންސިލަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުލް ޢަފޫރު އަހުމަދު ސޮއެކުރައްވާ ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ މަސްޖިދުލް ފިރުދައުސް މިސްކިތުގައި ކުލަލުމަށް އިއުލާންކޮށްގެން އަމިއްލަ ތަކެތީގައި ކުލަ ލައިދޭނެ އަގެއް އެމިނިސްޓްރީއަށް އަންގާދެއްވުމަށެވެ.

މިނިސްޓްރީ މިސްކިތުގައި ލުމަށް އަންގާފައިވަނީ ހުދު ކުލަ އާއި ފެހި ކުލަ އެވެ. ކައުންސިލުން ބުނީ އީދު ބަންދަށް ފަހު އޮފީސް ހުޅުވުމުން މިނިސްޓްރީން އެދުނުގޮތަށް މިސްކިތުގެ ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރާނެ ކަމަށެވެ.

އަމީން ވިދާޅުވީ މިސްކިތަށް ސައުންޑް ސިސްޓަމެއް ހޯދައިދިނުމަށް މިނިސްޓްރީގައި އެދިފައިވީނަމަވެސް މިހާތަނަށް އެކަމަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

މިސްކިތުގައި ލާފައިހުރި ކުލަ ބަދަލުކުރަން އެންގިނަމަވެސް އެކަމުގެ ސަބަބެއް މިނިސްޓްރީން ހާމަކޮށްފައިނުވެ އެވެ. ނަމަވެސް ގިނަ ބަޔަކު ބުނަނީ ކުލަ ބަދަލުކުރަން އެންގީ ރީނދޫ ކުލަ ލާފައިހުރުމުން ކަމަށެވެ.

އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އިމާރާތްކުރި އެމިސްކިތަކީ އެއްފަހަރާ 600 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355