ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރާ ދެ ޓީޗަރެއްގެ ބަދުއަހްލާގީ އަމަލު ފެންނަ ވީޑިއޯތަކެއް އާންމުވެ، އެތަނުން ބިދޭސީ ޓީޗަރު ރަށުން ފޮނުވާލައިފި އެވެ.
ބިދޭސީ ޓީޗަރަކީ އެސްކޫލުގައި އަރަބި ކިޔަވައިދޭ މިސްރަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އަންހެން ޓީޗަރަކީ އެސްކޫލުގެ ފައުންޑޭޝަން ގްރޭޑްތަކަށް ކިޔަވައިދޭ ޒުވާން ޓީޗަރެކެވެ.
މީސް މީޑިއާގައި އާންމުވެފައިވާ އެވީޑިއޯތައް ބެލި ބައެއް ފަރާތްތަކުން ބުނެފައިވަނީ ބަދުއަހުލާގީ އެ އަމަލު ހިނގާފައިވާކަމަށް ބެލެވެނީ އެ ފިރިހެން މީހާގެ ގޭގަ ކަމަށެވެ. މިކަމެއް ހިންގިއިރު އަންހެން މީހާއަކީ ކައިވެންޏެއް ކޮށްގެން އުޅޭ މީހެކެވެ.
ބަޔަކު ސިއްރުން ނަގާފައިވާކަމަށް ބެލެވޭ އެ ވީޑިއޯތައް ބެލި މީހަކު ބުނީ ވީޑިއޯތަކުން އެމީހުން ބަރަހަނާވާ މަންޒަރު ނުފެންނަކަމަށާއި ނަމަވެސް ގައިގޯޅިވެ އުޅޭ މަންޒަރުން ފެންނަ ކަމަށެވެ. އަދި އަންހެން މީހާގެ ޖީބަށް ފިރިހެން މީހާ ރުފިޔާތަކެއް ލާ މަންޒަރުވެސް ވީޑިއޯތަކުން ފެންނަކަމަށް ކޭއޯއަށް މައުލޫމާތުދިން މީހާ ބުންޏެވެ.
ވީޑިއޯތައް ލީކުކޮށްލުމާއެކު އެމައްސަލަ ސްކޫލުން ބަލައި ދެ ޓީޗަރުންނަށްވެސް ފިޔަވަޅު އެޅީކަމަށްވެ އެވެ. ނަމަވެސް އަންހެން ޓީޗަރަށް އެޅީކޮން ފިޔަވަޅެއްކަން ސާފުވާގޮތްވަނީ ނުވެފަ އެވެ. އެމައްސަލަ ރައްދުވާ މިސްރުގެ ފިރިހެން މީހާ ކުޅުދުއްފުށިން ފޮނުވާލާފައިވާއިރު އޭނާ ފޮނުވާލީ ރާއްޖެއިން ތޯ ނުވަތަ ރަށުން ތޯ ވަނީ ސާފުވާގޮތްނުވެފައި އެވެ.
މިސްރުގެ އެމީހާވަނީ މި ހުސްވި ރޯދަމަހު ކުޅުދުއްފުށީ ހުކުރު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދުވެސް ކޮށްފައިވެ އެވެ.
މިމައްސަލާގައި ސްކޫލުގެ ބަހެއް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވަނީ އަދި ކާމިޔާބުނުވެފަ އެވެ.