ކޮންމެ ދުވަހަކު ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްކޭނިންގ ޑޮކްޓަރެއް ނެއްތާ މަހެއް ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެހޮސްޕިޓަލުގައި ހުރި ހަމައެކަނި ސްކޭން ޑޮކްޓަރު ގޮސްފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ޑޮކްޓަރު ދިޔައީ އެބުރި ނާންގޮތަށް އެކަން ހޮސްޕިޓަލުގެ މެނޭޖްމެންޓަށްވެސް އަންގާފަ އެވެ.
މިކަމާ ގުޅިގެން ސްކޭން ކުރަންދާ ޖެހެނީ މާލެއަށެވެ. އާންމު ރައްޔިތަކު ބުނީ ސްކޭން ޑޮކްޓަރެއް ކުޅުދުއްފުއްޓަށް އާދޭތޯ މަޑުކުރާތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ކޮންމެ ކޮންމެ ދުވަސް ވަރެއްގައި މާލެއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
މާބަނޑު މީހުންގެ އިތުރުން އެހެން މައްސަލަތައްވެސް ދިމާވެގެން އަންނަ މީހުންނަށް ސްކޭން ކުރެވޭނެ ގޮތެއް ނެތުމުން އެކަށީގެންވާ ފަރުވާ ދިނުމުގައި ވަނީ ދަތިތައް ދިމާވެފައިވެ އެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވީނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތް ފަހުން އެހޮސްޕިޓަލުގައި އެންމެ ހިދުމަތެއްވެސް އަލަށް ތައާރަފުކުރެވިފައެއް ނުވެ އެވެ.