“ކައިޓް ބޯޑިންގ ކުޅުދުއްފުށި” އިންތިޒާމްކޮށްގެން ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި ކައިޓް އެރުވުންތެރިޔާ ޔޫރީ ޒޫން ބައިވެރިވާ ހާއްސަ ކައިޓް ސާފިން އިވެންޓެއް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ކައިޓް ބޯޑިންގ ކުޅުދުއްފުށިން ބުނީ މި އިވެންޓް އޮންނާނީ މާދަމާ ވެލިގަނޑު ކައިޓް ހަޓް ސަރަހައްދުގައި ކަމަށާއި އިވެންޓް ފެށުމުގެ ގޮތުން ބައިސްކަލް ސްޓަންޓް ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ.
ގިނަ ބައެއްގެ އެހީތެރިކަމާއެކު ކައިޓް ބޯޑިންގ ކުޅުދުއްފުށިން އިންތިޒާމް ކުރާ މި އިވެންޓުގައި ކުޅުދުއްފުށީގައި ކައިޓް އަރުވާ ކުދިންނަށް ހާއްސަ ސެޝަނެއްވެސް ޔޫރީ ނަގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށީގެ އިތުރުން ހޮނޑާފުށި ރިސޯޓްގައި މިމަހު 29 ވަނަ ދުވަހު ޔޫރީގެ ކައިޓް އެރުވުމުގެ އިވެންޓެއްވެސް އޮންނާނެ އެވެ. މި އިވެންޓް ކުރިއަށްދާނީ ކުޅުދުއްފުށީގެ ކައިޓް އެރުވުންތެރިންނާއިވެސް އެކުއެވެ.
މާދަމާގެ އިވެންޓް ބަލާލުމަށް ވީހާވެސް ގިނަ ފަރާތްތަކުން ދިއުމަށް ކައިޓް ބޯޑިން ކުޅުދުއްފުށިން އެދެއެވެ. މިހަރަކާތް ފަށަން ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2 ޖަހާއިރު އެވެ. އެކަމަކު ކައިޓް ސާފިން ކުރިއަށްދާނީ ހަވީރު 4 ޖަހާއިރު އެވެ.