twitterviber whatsapp telegramfacebookyoutube instagram
30th May 2025

ތިން މަސް ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަނީ !

Jun 29, 2018

ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެކަށީގެންވާ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީއަށް ރައީސުލް ޖުމްހޫރިއްޔާއަށް އަންގަވާފައިވަކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ކޭއޯއަށް މިއަދު ވިދާޅުވީގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި އެމަނިކުފާނު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ސަރުކާރުން ފުރަތަމަ މަސައްކަތްކުރީ ކުޅުދުއްފުށީ ހޮސްޕިޓާ ބަޔަކާ ހަވާލުކޮށްގެން ތަރައްގީކުރުމަށް ނަމަވެސް އެކަން ކާމިޔާބުނުވެ ދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

” ބަޔަކާ ހަވާލުކޮށްފަ ސަރުކާރުން ބަލަން ތިބީކީނޫން. މަސައްކަތް ކުރިއަށްދިޔަ ގޮތް ވަރަށް ގާތުން ސަރުކާރުން ދިޔައީ ބަލަމުން. ނަމަވެސް އެކަން ފެއިލްވެގެން ދިޔަ ދިޔުމަކީ ސަރުކާރުން އުންމީދުކުރި ކަމެއް ނޫން، އެހެން އެކަން ދިމާވެގެންދިޔުމުން ސަރުކާރަށް ދަތިތަކެއް ކުރިމަތިވި.” އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓާ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބޭ ހޮސްޕިޓަލަށް އެތަން ބަދަލުކުރުމަށް ހެލްތް މިނިސްޓްރީއަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔާމް އަންގަވާފައިވާ ކަމަށެވެ. މަސައްކަތްތައް ފަށާގަތުމަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އަންގަވާފައިވާގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކޮށް، އާ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން ސީޓީ މެޝިން ބެހެއްޓުމާއި އެމްއާރުއައި މެޝިން ބެހެއްޓުމަށް މަރާމާތުކުރަން ފަށާފައިވާ ތަން އަލުން މަރާމާތުކުރުމާއި އެހެނިހެން މަސައްކަތް ދަނީ ކުރިއަށެވެ.

އަދި ހިތާއި ނާރުގެ އަދި ކިޑްނީގެ ބަލިތަކަށް ހިދުމަތް ދިނުން ފަދަ ޓާޝަރީ ފެންވަރުގެ ހިދުމަތްތައް ފެށިގެންދާތަން އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ތަން މަރާމާތުކުރުން ފަދަ މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ހައުންސިންގ މިނިސްޓްރީންގެ މުވައްޒަފުން ލައްވާ އެވެ. އާ ހިދުމަތްތައް ފެށުމަށްޓަކާ އައިޖީއެމްއެޗްގެ ޓީމެއް ހޮސްފިޓަލަށް ޒިޔާރަތްކޮށް ތަން ބަލާފައިވެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ފެންވަރު ރަނގަޅު ތަންނަކަށް ހެދުމަށްޓަކާ ހެލްތް މިނިސްޓްރީގެ މުވައްޒަފުންވެސް ވަރަށް ބުރަ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355