ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމަށްވާ “ނިރު އެކްސެލެރޭޓަރ” އުރީދޫ އިން ތައާރަފްކޮށްފި އެވެ.
މިއީ މުޖުތަމައުއަށް މަންފާކުރާ ތަފާތު އީޖާދީ ދިވެހި އުފެއްދުންތަކަށް، ރާއްޖެއިން އަދި ބައިނަލްއަޤްވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަޤްސަދުގައި އުރީދޫ އިން ތައާރަފުކުރި ޕްރޮގްރާމެކެވެ.
ނިރު އަކީ، ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި، ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެކެވެ.
މިގޮތުން، އެކްސެލެރޭޓަރ އަށް ހޮވާލެވޭ ޓީމް ތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަރޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވަރކިންގ ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕަރޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެއެވެ.
ހަމައެއާއި އެކު ޓްރެއިނިގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި، ނިރު އެކްސެލެރޭޓަރ ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނަރޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.
ނިރު އެކްސެލޭޓަރގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސަކީ، ކުރިއަށްއޮތް އޮގަސްޓް މަހުގައި ބޭއްވޭ ހެކަތޮން އެވެ. މިގޮތުން، މި ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ހިޔާލު ފަރުމާކުރުމަށާއި، ވިޔަފާރީގެ ބިންގާތަކާއި، ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދެވޭނެއެވެ. އަދި ހެކަތޯންގައި ހުށައެޅޭ ކޮންސެޕްޓު ތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ހިޔާލުތައް އެކްސެލެރޭޓަރގައި ބައިވެރިކުރެވޭނެއެވެ.
މުޖުތަމައު އަށް ފައިދާކުރާނެ އީޖާދީ ހިޔާލަކާއި އެކު ކޮންމެ ބޭފުޅަކަށްވެސް ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން، މި ހިޔާލުތަކަކީ ތިރީގައި މިދެންނެވޭ ޝަރުތުތައް ފުރިހަމަ ވެފައިވާ ހިޔާލަކަށް ވާންޖެހޭނެއެވެ:
• ނިރު އެކެސެލްރޭޓަރގެ ހަތަރު އިޖްތިމާއީ ޝިޢާރުތަކުން، މަދުވެގެން އެއް ޝިޔާރަކާއި ގުޅުންހުރުން
• ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭފަދަ ކޮންސެޕްޓަކަށްވުން
• ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް، ޑިސްޓްރިބިއުޓް ކުރެވޭ ޚިދުމަތަކަށްވުން
• ކެޕިޓަލް އެފިޝަންޓް ވުމާއި އެކު، ލިބިގެންދާ ސީޑް ފަންޑިންގ މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ ޕްރޮޑަކްޓަކަށް ވުން
• ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި ބޭފުޅުން ތިބުން އެދެވިގެންވޭ
އެކްސެލެރޭޓަރގައި ބައިވެރިވާ ޓީމުގެ އިސްކޮށް މަސައްކަތް ކުރާ ބޭފުޅުންނަކީ، 12 ހަފްތާގެ އެކްސެލެރޭޝަން ވަރކްޝޮޕްގައި ފުލްޓައިމްކޮށް ބައިވެރިވެވޭނެ ބޭފުޅުންނަށް ވާންޖެހޭނެއެވެ.
ނިރު އެކްސެލެރޭޓަރ ގައި ބައިވެރިވުމަށް، ނުވަތަ ޕްރޮގްރާމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/niru އަށް ޒިޔާރަތް ކުރަށްވާށެވެ.