ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފީސް އޮފް އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓެޑް ބޯޑަރ ސެކިއުރިޓީ (އީ.އެކްސް.ބީ.އެސް) އާއި އެމެރިކާގެ ޑިޕާރޓްމަންޓް އޮފް އެނާރޖީއާ ގުޅިގެން “ކެމިކަލް، ބައޮލޮޖިކަލް، ރެޑިއޮލޮޖިކަލް، ނިއުކްލިއާ، އެންޑް އެކްޕްލޯސިވްސް ކޮމޮޑިޓީސް އައިޑެންޓިފިކޭޝަން ޓްރޭނިންގ” ނަމުގައި ވަރކްޝޮޕެއް ރާއްޖޭގައި ފަށައިފިއެވެ.
ރާއްޖޭގެ ކަސްޓަމާއި އެމް.އެން.ޑީ.އެފްގެ 15 އޮފިސަރުން ބައިވެރިވާ މިތަމްރީން ޕްރޮގްރާމްގައި ސްރީލަންކާ އާއި އަފްގާނިސްތާންގެ 30 އޮފިސަރުން ހިމެނޭގޮތަށް ޖުމްލަ 42 އޮފިސަރުން ބައިވެރިވެއެވެ.
މި ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ އިއްޔެ އެކަމަށްޓަކައި ޕެރަޑައިސް އައިލެންޑް ރިސޯރޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް މުހައްމަދު ޖުނެއިދު އާއި ކަސްޓަމްސްގެ އިސްވެރިން ވައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދެއްކެވި ވާހަކަފުޅުގައި ހަތިޔާރާއި ގޮވާތަކެތި ދެނެގަތުމަށް ހިންގާ މިފަދަ ތަމްރީން ޕްރޮގްރާމްތަކަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެފަރާތަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ކަސްޓަމްސްއަކީ މިފަދަ ކަންތައްތަކުން ދިވެހިރާއްޖެ ރައްކާތެރިކުރުމުގައި ވަރަށް އިސް ސަފެއްގައި ހަރަކާތްތެރިވާ ގައުމީ މުއައްސަސާއެއްކަމުގައި ފާހަގަކުރައްވާ، ޓެރަރިޒަމް އާއި ހައްދު ފަހަނާއަޅާދިއުން ހުއްޓުވުމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ފަރާތުންވެސް ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އަބަދުވެސް ޓެރަރިޒަމް އާއި ހައްދުފަހަނާ އަޅާދިއުމަށް ނޫނެކޭ ބުނާނެ ޤައުމެއް ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި އަދަބުތައް ދިނުމަށް ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންވެފައިވާކަމަށްވެސް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ މިތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަތިޔާރާއި ގޮވާތަކެތި ދެނެގަތުމަށް ދަސްކޮށްދިނުމާއި، އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ބޭނުންކުރެވިދާނެ ގޮވާޒާތުގެ ތަކެތީގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފޯރުކޮށްދީ އެފަދަ ތަކެތި ދެނެގަތުމަށް ބޭނުންވާ ތަމްރީނާއި މައުލޫމާތު ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމްގައި ކިޔަވާދެއްވާނީ ސެންޑިއާ ނެޝަނަލް ލެބޯޓަރީ އާއި ލޮ އަލަމޯ ނެޝަނަލް ލެބޯޓަރީ އާއި އިންޓަޕޯލް އަދި އެމެރިކާގެ ޑިޕާރޓްމަންޓް އޮފް އެނާރޖީގެ ކަމާބެހޭ ތަޖުރިބާކާރުންނެވެ.