twitterviber whatsapp telegramfacebookyoutube instagram
28th March 2024

މަގުހެދުމުގެ މަޝްރޫއުތަކުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމަނީ

Jul 11, 2018

މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު މުޅިން ނިންމާލާނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފި އެވެ.

މަގުހެދުމުގެ ގިނަ މަސައްކަތްތައް މީގެކުރިން ކުރަމުން ގެންދިޔައީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއާރްޑީސީއިން ނަމަވެސް، އެ ކޯޕަރޭޝަން އުވާލުމާއެކު މަގުހެދުމުގެ ގިނަ މަސައްކަތްތައް މިހާރު ކުރަން ހަވާލުކޮށްފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ވޯރކްސްއާއެވެ. އެމްއާރްޑީސީއަށްފަހު، ޕަބްލިކް ވޯރކްސްއިން މިމަސައްކަތްތަކާ ހަވާލުވެ، ހުއްޓުމެއްނެތި މިހާރުވެސް ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުއްޓާއި ހއ ދިއްދޫގެ މަގުތައް ހަދަމުންދަނީ ލަންކާގެ ސިއޭރާ ކުންފުންޏާ ހަވާލުކޮށްގެންނެވެ. މީގެ ތެރެއިން ކުޅުދުއްފުށީގައި ތާރުއަޅައިގެން ހަދަން ނިންމާފައިވާ މަގުތަކުގެ އެމަސައްކަތް ވަނީ މިހާރު ނިންމާލާފަ އެވެ.

އެގޮތުން ޕަބްލިކް ވޯކްސްއާ ހަވާލުކޮށްގެން 4 ރަށެއްގެ މަގުހެދުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި އދ.މަހިބަދުއާއި، ރ.މީދޫއާއި، ހއ.ދިއްދޫއާއި، ހދ.ކުޅުދުއްފުށީގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މިހާރު ރ.އުނގޫފާރާއި، ބ.އޭދަފުއްޓާއި، ރ.ދުވާފަރާއި، އައްޑޫ ސިޓީ ހުޅުމީދޫއާއި، ފުވައްމުލަކާއި، ހދ.ހަނިމާދުއާއި، ލ.ފުނަދޫގެ މަގުހެދުމުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށްދާއިރު، މި ރަށްތަކުގެ މަގުހެދުމުގެ ހުރިހާ މަސައްކަތްތައް ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިންމާނެކަމަށް ހައުސިން މިނިސްޓަރ ހާމަކުރެޔެވެ.

ރަށްރަށުގެ މަގުތަކަކީ ދުއްވަން ފަސޭހަ ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ގިނަ ރަށްތަކެއްގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355