twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރާއްޖޭގައި ގާއިމްކުރާ މެޑިކަލް ކޮލެޖުގެ ފުރަތަމަ ބެޗްގެ ކިޔެވުން ސެޕްޓެމްބަރުމަހު ފަށަނީ

Jul 12, 2018

ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ އެންމެ ފުރަތަމަ ބެޗުގެ ކިޔެވުން އަންނަ ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ އެކޮލެޖަށް ބޭނުންވާ ޖާގަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުން ހަމަޖެހިފައިވާއިރު، އެތަނަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި ބައެއް މެޝިނަރީސް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި މެޑިކަލް ކޮލެޖުގައި ގާއިމުކުރަންޖެހޭ ތަފާތު ވަސީލަތްތައް ގާއިމުކުރުމާއި، ދަރިވަރުންނަށް ބޭނުންވާނެ ލެބޯޓްރީތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީ އިތުރުން މިނިސްޓަރ ވިދާޅުވީ މެޑިކަލް ކޮލެޖަށް ބޭނުންވާ ކަރިކިއުލަމް ރިވިއުކޮށް، ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި ދަރިވަރުން އެން-ރޯލްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ. އުއްމީދަކީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މެޑިކަލް ކޮލެޖްގެ ފުރަތަމަ ބެޗުގެ ކިޔެވުން ފެށުންކަމަށާއި ފުރަތަމަ ބެޗަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕްތަކެއްގެ ދަށުން ތައުލީމު ހާސިލުކުރާނެ ދަރިވަރުންތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖު ގާއިމުކުރުމަށްޓަކާ ޕާކިސްތާނު ސަރުކާރުން ބޮޑު އެހީތެރިކަމެއް ވެދީފައިވާއިރު، ދުނިޔޭގެ ނަން މަޝްހޫރު މެޑިކަލް ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދަވާނެކަމަށް ހެލްތް މިނިސްޓަރ ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެމް.ބީ.ބީ.އެސް ފެންވަރަށް ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދިވެހިންނަށާއި، ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ މަސައްކަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355