ރަށްރަށުގައި ގާއިމުކުރެވޭ ޓިވެޓް ސެންޓަރުތަކުގެ ސަބަބުން މަތީ ތައުލީމު އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ ރައްޔިތުންނާ ގާތުން ހިދުމަތް ލިބިގެންދާނެކަމުގައި
ރަށްރަށުގައި ގާއިމުކުރެވޭ ޓިވެޓް ސެންޓަރުތަކުގެ ސަބަބުން މަތީ ތައުލީމު އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ ރައްޔިތުންނާ ގާތުން ހިދުމަތް ލިބިގެންދާނެކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ގާއިމުކުރާ ޓިކެޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ މަސައްކަތްތައް ފަހިކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ރަށްރަށުގައި ގާއިމުކުރެވޭ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުތަކުގެ ސަބަބުން މަތީ ތައުލީމު އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ ރައްޔިތުންނާ ގާތުން ހިދުމަތް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިފަދަ މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކަށް ބޭނުންވާ ފަނުންތައް ތަރައްގީވެ ގިނަ ބަޔަކަށް އެފަނުން އުނގެނުމުގެ ފުރުސަތު ލިބި މަސައްކަތުގެ މާހައުލަށް ނިކުތުމަށް ތައްޔާރުވެފައިވާ ގިނަ ދަރިވަރުންތަކެއް ތައްޔާރުކުރެވިގެންދާނެ ކަމަށެވެ.
ކުޅުދުއްފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ މަޝްރޫއުއަކީ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މި ޕްރޮޖެކްޓްގެ އިތުރުން މިހާރުވެސް ހއ ދިއްދޫގައި ޖޫނިއާ ކޮލެޖަކާއި ރ އަލިފުށީގައި ޓިވެޓް ސެންޓަރަކާއި ނ ވެލިދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުންދާކަމުގައި މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި ކުރިއަށްދާ އެކި ކަހަލަ ސިނާއީ މަސައްކަތްތައް ބޭނުންވާ ފަންނުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދަނާލުގެ ހިދުމަތާއެކު ތަރައްގީކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުންނާއި ރާއްޖޭން ބޭރު އަންނަ ދަރިވަރުންނަށްވެސް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތައުލީމުގެ ފުރުސަތު ފަހިވެގެންދާނެ ސެންޓަރެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތިން ބުރިއަށް އިމާރާތްކުރާ މި ޓިވެޓް ސެންޓަރުގެ އަމަލީ މަސައްކަތް ހަވާލުކުރީ އާރުޑީސީއާ އެވެ. 540 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތް މުއްދަތު ހަމަވުމުގެ ކުރިން ނިންމާލާނެކަމަށް އުންމީދުކުރައްވާކަމުގައި މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.