twitterviber whatsapp telegramfacebookyoutube instagram
1st April 2026

ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ލިމިޓެއް ނެތި ލޯނު ދޫކުރަނީ

ނަބީލާ އިސްމާޢީލް
Apr 1, 2026

ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުގުވެރިވާ ފަރާތްތަކަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ހައިދަރުވަނީ ސަރުކާރުން ލޯނަށް އެދި ހުށައެޅުމުގައި ގެނެސްފައިވާ މުހިއްމު ބަދަލުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

އެގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލެއްކަމަށް މިނިސްޓަރ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދޫކުރާ ލޯން ސްކީމްގެ މަދުވެގެން %50 އަކީ ޓެކްނިކަލް ދާއިތަކަށް ދެވޭ ލޯނަށް ހެދުމަށް ނިންމާފައިވާކަމަށެވެ. ޓެކްނިކަލް ނޫން ދާއިރާތަކަށް ދެވޭ ލޯނުގެ އަދަދު ވަކި މިންވަރެއްގައި ހިފަހައްޓާ، ޤައުމަށް ބޭނުންވާ މުހިއްމު ޓެކްނިކަލް ދާއިރާތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފުރުސަތު ހުޅުވާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެ ސަބަބުން ޤައުމަށް އެންމެ ބޭނުންވާ ފަންނީ ދާއިރާތަކުން ކިޔެވުމަށް ދައިވަރުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ. މިބަދަލުތަކުގެ އެންމެ ބޮޑު މަޤްސަދަކީ ކޮންމެ ދަރިވަރަކީވެސް ރާއްޖެ ބިނާކުރުމުގައި ބައިވެރިވާނެ ތަޢުލީމީ، ޤަބިލު ފަންނުވެރި އުފެއްދުންތެރި ހުނަރުވެރި މީހަކަށް ހެދުން." ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިކަމަށް ޚާއްސަ އުސޫލެއްވެސް މިހާރުވަނީ ގެޒެޓުކޮށްފައެވެ. މި އުސޫލުގައި މުހިއްމު ބައެއް ބަދަލުތަކެއްވަނީ ގެނެސްފައެވެ.

އެގޮތުން މިއުސޫލުގެ ދަށުންއެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއެއް މިހާރު ނީންނާނެއެވެ. މީގެސަބަބުން ކޮންމެ ދަރިވަރަކަށްވެސް ކިޔަވަންދާން ތައްޔާރުވެ ލޯނަށް އެދެވޭނެއެވެ. އަދި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމާއި އެމްކިޔުއޭއިން ދޫކުރާ އިންޓެންޑަޑް ލެޓަރ އާއި ފީ ސްޓްރަކްޗަރ ލިބުމާއެކު ލޯނަށް އެދެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. މިއާއެކު ލޯނަށް ހޮވި ކިޔަވަން ނުފަށާ ތިބެ ދަރިވަރުންގެ ޢަދަދު މަދުވެގެންދާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއުސޫލުގެ ދަށުން އަލަށް ކިޔަވާދިންނާއި ކިޔަވަމުންދާ ކުދިންގެ ކެޓަގަރީވަނީ އުވާލާފައެވެ. އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނަށް މިދެކެޓަގަރީގެ ގޮތުގައި އޮތުމުން އެޕްލިކޭޝަން ހުށައެޅުމުގައި އޮޅުންއެރުމާއި ޑިސްކޮލިފައިވާ ސަބަބެއް ކަމުގައިވާތީ އެކަން ހައްލުކުރުމެވެ. ހަމައެއާއެކު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުސަތު ޔަގީންވެ ކިޔަވަންދާން ބޭނުންވާ ވަގުތު ފައިސާ ހަމަޖެހޭނެ ގޮތް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355