ކުޅުދުއްފުށީގައި ގާއިމުކުރާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި އެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޓިވެޓް ސެންޓަރުގެ ބިންގާ އަޅުވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އަލީ ހައިދަރު އަހުމަދެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ ހައިދަރު ވިދާޅުވީ، މަސައްކަތް ނިންމަން ހަވާލުކުރި ތާރިހަށްވުރެ އަވަހަށް މަސައްކަތް ނިންމާލާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ. ޓިވެޓް ސެންޓަރުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާ އެވެ.
ދަނާލާއެކު ތަރައްގީކުރެވޭ މި ޓިވެޓް ސެންޓަރުގައި ކިޔަވައިދިނުމުގެ ވަސީލަތްތަކާއެކު ޓެކްނިކަލް ވޮކޭޝަނަލް ދާއިރާއާ ގުޅުން ހުރި ތަފާތު ލެވެލްތަކެއްގެ ކޯސްތަކެއް ހިންގުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގައި ކުރިއަށްދާ އެކި ކަހަލަ ސިނާއީ މަސައްކަތްތައް ބޭނުންވާ ފަންނުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދަނާލުގެ ހިދުމަތާއެކު ތަރައްގީކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުންނާއި ރާއްޖޭން ބޭރު އަންނަ ދަރިވަރުންނަށްވެސް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތައުލީމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ތިން ބުރިއަށް އިމާރާތްކުރާ މިތަނުގައި މަލްޓިޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކުލާސް ރޫމާއި އައިސީޓީ ލެބޯޓްރީއަކާއި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އެރިއާއެއްގެ އިތުރުން އޮޑިޓޯރިއަމްގެ އަދި މީޓިންގ ރޫމާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެ އެވެ.
ދަނާލުގައި ޝެއަރިންގ 32 ރޫމް ހުންނައިރު ދަރިވަރުންނަށް ކެއިން ބުއިމުގެ އިންތިޒާމުތަކާއި ލޯންޑަރީ ފަދަ ހިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމްގެ ހިދުމަތް ލިބޭނެ އެވެ. އަދި މީގެ އިތުރުން ނަމާދުކުރާނެ ތަނަކާއި ލިފްޓްފަދަ ތަންތަން ހުންނާނެ އެވެ.
މި މަޝްރޫއުއަކީ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މި ޕްރޮޖެކްޓްގެ އިތުރުން މިހާރުވެސް ހއ ދިއްދޫގައި ޖޫނިއާ ކޮލެޖަކާއި ރ އަލިފުށީގައި ޓިވެޓް ސެންޓަރަކާއި ނ ވެލިދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރެވެމުންދާކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ، ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ މަސައްކަތްތައް ފަހިކުރުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމާއި ރަށްރަށުގައި ގާއިމުކުރެވޭ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުތަކުންގެ ސަބަބުން މަތީ ތައުލީމު އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ ރައްޔިތުންނާ ގާތުން ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މިފަދަ މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކަށް ބޭނުންވާ ފަނުންތައް ތަރައްގީވެ ގިނަ ބަޔަކަށް އެފަނުން އުނގެނުމުގެ ފުރުސަތު ލިބި މަސައްކަތުގެ މާހައުލަށް ނިކުތުމަށް ތައްޔާރުވެފައިވާ ގިނަ ދަރިވަރުންތަކެއް ތައްޔާރުކުރިވިގެންދާނެކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އާއި ކުޅުދުއްފުށީ މޭޔަރު އަދި މަޖިލިސް މެންބަރުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.