twitterviber whatsapp telegramfacebookyoutube instagram
1st June 2025

ހަވާ އެރުވުމާއެކު މިއަހަރުވެސް ކުޅުދުއްފުށީގައި ފޯރިގަދަ އީދެއް

މިއަހަރުވެސް އީދު ކުރިއަށްގެންދަނީ ކުޅުދުއްފުށީގެ މުއްސަނދި ސަގާފަތާއެކު

އަބްދުލް ވާހިދު ޙަސަން
May 30, 2025

ހަވާ އެރުވުމާއެކު މިއަހަރުވެސް ކުލަގަދަކޮށް ކުޅުދުއްފުށީގައި ބޮޑު އީދު ފާހަގަކުރަން ހަމަޖެހިއްޖެ އެވެ.

ސިޓީ ކައުންސިލުން ބުނީ، މިއަހަރުގެވެސް ބޮޑުއީދުގެ ކުޅިވަރުތައް ކުރިއަށްދާނީ މުއްސަނދި ސަގާފަތާއެކު ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށެވެ.

އެގޮތުން އީދު ވިލޭރޭ ކުރުނބާ އީދުގެ މުބާރާތް ދައްކާލުން ކުރިއަށްދާއިރު އެރޭ 20:30 ގައި ދައްސޫރައިގެ އީދު މާލި ކުޅިވަރުވެސް ކުރިއަށްދާނެ ކަމަށެވެ.

އީދު ދުވަހު 10 ޖަހާއިރު އޮނުބަޑި ޖެހުން ކުރިއަށްދާނެ އެވެ. އެދުވަހުގެ ހަވީރު 16:15 ގައި ބަންދު ދުއްވުން އޮންނައިރު 16:30 ރާނީ ހިނގުން ކުރިއަށްދާނެ އެވެ. އަދި މީގެ އިތުރުން 17:00 އަށް މިސްގާލް ގުރޫޕްގެ ނަމުރު ކުރިއަށްދާނެ އެވެ.

އީދު ދުވަހުގެ ރޭ ހަވާ އެރުވުމުގެ ހަރަކާތް ވެލިގަނޑު ސަރަހައްދުގައި އޮންނައިރު 21:00 ގައި ސްޓޭޖް ޝޯ ކުރިއަށްދާނެ އެވެ.

ދެވަނަ އީދު ދުވަހުގެ ކުޅިވަރުތަކަށް ބަލާއިރު ފޯރިގަދަ މަށިމާލި ޕެރޭޑް އޮންނާނީ އެ ދުވަހުގެ ހަވީރު އެވެ. އަމީނީމަގުގައި ކުރިއަށްދާ މި ޕެރޭޑް ފެށޭނީ ހަވީރު 4:00 ގަ އެވެ.

ތިންވަނަ އީދު ދުވަހު އަންހެނުންގެ ކޯޑި 14:00 ގައި ކުރިއަށްދާއިރު 16:00 ގައި ނޯ ލީކް މީޑިއާ ހަރަކާތްތައްވެސް އަމީނީމަގުގެ އެކި ސަރަހައްދުގައި ކުރިއަށްދާނެ އެވެ. ހަވީރު 16:15 ގައި ބޮޑު ފައިވާނުގައި ހިނގުން އޮންނައިރު އެ ދުވަހު ހަވީރު 16:15 ގައި ސްޓޭޖް ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަ ސްޓޭޖް ޝޯއެއްވެސް އޮންނާނެ އެވެ. އެ ދުވަހުވެސް އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށްދާ ސްޓޭޖް ޝޯ އެވެ. އެ ޝޯ ފެށޭނީ 21:00 ގަ އެވެ.

ކުޅުދުއްފުށީގައި އީދު ނިންމާ ހަތަރުވަނަ ދުވަހުވެސް ކުޅިވަރު ކުރިއަށްދާނެ އެވެ. އެގޮތުން އެދުވަހުގެ ހަވީރު ހިއްޗަށް ވަޑައިގަތުން އޮންނައިރު ރޭގަނޑު ދަމުހިނގުން ކުރިއަށްދާނެ އެވެ.

މި ކުޅިވަރުތައް ކުރިއަށްދާއިރު ފިރިހެނުންގެ ދައްޕާއި އަންހެނުންގެ ދަފި ނެގުން ރަށުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެ އެވެ.

ޒަމާނުންސުރެ ކުޅުދުއްފުށީގައި ބޮޑުއީދުގެ ކުޅިވަރު ކުޅެމުން އަންނަނީ ރައްޔިތުންގެ އިސްނެގުމާއެކު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355