ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށްޓަކާ މުޅި ރާއްޖެއަށް ފެތުރިގެންދާ ގޮތަށް ކުޅިވަރުގެ ނިޒާމު ބައްޓަންކުރުން ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު ދާދިފަހުން ކުޅިވަރުގެ ގާނޫނަށް ގެނެވިގެންދިޔަ ބަދަލުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށެވެ.
އެބަދަލުތަކުގެ މައިގަނޑު އެއް އަސާސަކީ ކުޅިވަރު ކުރިއެރުވުމަށްޓަކާ މުޅި ރާއްޖެއަށް ފެތުރިގެންދާ ގޮތަށް ކުޅިވަރުގެ ނިޒާމު ބައްޓަން ކުރުން ކަމަށެވެ.
އަދި ރާއްޖޭގެ ކުޅިވަރުތަކުގައި އާއި ރާއްޖޭން ބައިވެރިވާ ކުޅިވަރުތަކުގައި މުޅި ރާއްޖެ ޝާމިލުވާ ގޮތަށް އެކި ރަށްތަކުގައި ތިބި މޮޅެތި ކުޅުންތެރިން ރާއްޖޭގެ ނޭޝަނަލް ޓީމަށް ދާނެ ގޮތުގައި ނިޒާމެއް އެކުލަވާލެވި އަދި އެ ކުޅުންތެރިންނަށް އިތުރަށް ތަމްރީން ދެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
"މިގޮތަށް އަޅުގަނޑުމެން ތެރޭގައި ބައްޓަން ވެގެންގޮސްފިއްޏާ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ރާއްޖޭން ބޭރުގައި އަޅުގަނޑުމެން ބާއްވާ މުބާރާތް ތަކުގައިވެސް އިތުރު ވަނަ ތަކެއްވެސް ހާސިލުވެގެންދާނެކަމީ އެއްވެސް ޝައްކުހުރިކަމެއް ނޫން. ސަބަބަކީ އަޅުގަނޑުމެން ތެރޭގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި ވަރަށް މޮޅެތި ފެތުންތެރިން އެބަތިބި. ނަމަވެސް އެކުދިންނަށް ރާއްޖޭގެ ނޭޝަނަލް ޓީމަށް ދެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ނެތީ. އެހާ ރަނގަޅު ނިޒާމެއް ނެތީ. ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، މުޅި ރާއްޖެ ޝާމިލުވާގޮތަށް ކުޅިވަރުގެ ނިޒާމު ބައްޓަންވެގެންދާނެ ކަމަށާއި ކުޅުންތެރިންނަށް ބޭނުންވާ ކަންތައްތައް އެސޯސިއޭޝަންތައް މެދުވެރިކޮށް ހިމަނާނެކަމަށެވެ.