ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އިން މުބާރާތުގެ ތިންވަނަ ހޯދައިފި އެވެ.
މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 2-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިވިއިރު، ސެމީފައިނަލްގެ ދެވަނަ މެޗުގައި ސްރީލަންކާ އަތުން ދިވެހި ޓީމު ބަލިވީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަންގްލަދޭޝް އިންނެވެ.
ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަންގްލަދޭޝް އިންނެވެ.
ނަމަވެސް ޖެހިގެން އައި ސެޓް 10 ޕޮއިންޓްގެ ލީޑަކާއެކު 12-22 ނަތީޖާއަކުން ކާމިޔާބުކޮށް ރާއްޖެއިން ވަނީ މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުން ޝޫޓްއައުޓް ސެޓް 4-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރާއްޖެ އިން ވަނީ މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކީ ދިވެހި ޓީމުގެ އަހުމަދު ރަޒްނީ މުހައްމަދު އެވެ.
18 ސެޕްޓެންބަރު 2025 އިން 24 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ.