twitterviber whatsapp telegramfacebookyoutube instagram
21st April 2026

އޭޝިއަން ބީޗް ގޭމްސް: ބީޗް ހޭންޑްބޯޅަ ޓީމުން ބަންގްލަދޭޝް ބަލިކޮށް މުބާރާތުގެ ފެށުން ވަރުގަދަކޮށްފި

މުޙައްމަދު އަހުމަދު
Apr 21, 2026

ޗައިނާގެ ސަންޔާގައު މިއަދު ފެށިގެންދިޔަ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ދިވެހިރާއްޖެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފެށުން ވަރުގަދަކޮށްފި އެވެ.

ސަންޔާގެ ހައިނާން އައިލެންޑްގައި މިމަހު 21 - 30 އަށް ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ރާއްޖެއިން ނުކުތީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މިމެޗު ފަހަތުން އަރާ 2 - 1 ން ކާމިޔާބުކުރީ ރާއްޖެއިންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު 21 - 12 ން ބަންގްލަދޭޝްއިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު 23 - 22 ން ކާމިޔާބުކޮށް ރާއްޖެއިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ.

ނަތީޖާ ނެރުމަށް ކުޅެވުނު ޝޫޓްއައުޓްގައި 7 - 4 ން ކާމިޔާބުކޮށް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ރާއްޖެއިން މިވަނީ އިތުބާރާއެކު މުބާރާތް ފަށައިފަ އެވެ. މިފަހަރުގެ ގައުމީ ޓީމަށް ބަލާލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިޓީމުގައި ހިމެނެނީ ކުޅުދުއްފުށީ ކުޅުންތެރިންނެވެ.

ކުޅުދުއްފުއްޓަށް އުފަން ކުޅުންތެރިންގެ މޮޅު ކުޅުމަކާއެކު މިމެޗު ކާމިޔާބުކުރުމަކީ މުޅި ކުޅުދުއްފުއްޓަށް އަދި ގައުމު ވެސް ފަހުރުވެރިވާފަދަ ބޮޑު ކާމިޔާބީ އެކެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ މޮޅު ކުޅުމެއް ފެނިގެންދިޔައީ ރާއްޖޭގެ ޝަމްނޫޒް މުހައްމަދު ނައީމްގެ ފަރާތުންނެވެ.

ޝަމްނޫޒް ވަނީ މިއަދުގެ މެޗުގައި 14 ޕޮއިންޓް ހޯދައިދީފަ އެވެ. މިމުބާރާތުގައި ރާއްޖެއިން މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޖޯޑަންއާ ދެކޮޅަށެވެ. މިމެޗު 2 - 0 ން ކާމިޔާބުކުރީ ޖޯޑަން އިންނެވެ.

ދެވަނަ މެޗުގައި ބަލިވި ނަމަވެސް މިމެޗުގައި ވެސް ރާއްޖޭގެ ޓީމުން ވަނީ ވަރުގަދަ މޮޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ސެޓު ޖޯޑަންއިން ގެންދިޔައީ 14 - 6 ންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ރާއްޖެއިން ނަތީޖާ އަނބުރާލަން ވަރަށް މަސައްކަތް ކުރި އެވެ. އެހެންނަމަވެސް 16 - 13 ގެ ހަނިތަފާތަކުން މިސެޓުވެސް ގެންދިޔައީ ޖޯޑަނުންނެވެ.

މިފަހަރުގެ މުބާރާތަށް ބަލާލާއިރު މުބާރާތުގައި ޖުމްލަ 14 ގައުމަކުން ވާދަކުރެ އެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ޗައިނާއާއި ފިލިޕީންސް، ހޮންގް ކޮންގް، ބަހްރޭން، އިންޑިއާ އަދި ސްރީ ލަންކާގެ އިތުރުން އިރާނެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން އޮމާންއާއި ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް އަދި ގަތަރާއި މޮންގޯލިއާ އެވެ. ބުރާސްފަތި ދުވަހު ރާއްޖެއިން މޮންގޯލިއާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާއިރު ހުކުރު ދުވަހު ނުކުންނަން ޖެހޭނީ އޮމާން އަދި ތައިލޭންޑާ ދެކޮޅަށެވެ.

ހޮނިހިރު ދުވަހު ޕާކިސްތާނާއި ދެކޮޅަށް ނުކުންނައިރު އާދިއްތަ ދުވަހު ނުުކުންނަން ޖެހޭނީ ގަތަރާއި ދެކޮޅަށެވެ. ރާއްޖޭގެ ގްރޫޕަށް ބަލާލާއިރު އޮމާން އަދި ގަތަރަކީ 2024 ވަނަ އަހަރު ހޭންޑް ބޯލް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ދެޓީމުކަން ފާހަގަކޮށްލެވެ އެވެ. އަދި އޮމާނުން މިއަހަރުގެ ދުނިޔޭގެ މުބާރާތުގައި ވެސް ވާދަކުރާނެ އެވެ.

މިފަހަރުގެ ބީޗް ގޭމްސްއަށް ދިއުމުގެ ކުރިން ރާއްޖޭގެ ގައުމީ ޓީމުން ތައިލެންޑްގައި ވަނީ ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355