twitterviber whatsapp telegramfacebookyoutube instagram
18th November 2025

އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް މުބާރާތް އެއާޕޯޓް ޓީމުން ކާމިޔާބުކޮށްފި

މުޙައްމަދު އަހުމަދު
Nov 18, 2025

ޑަބްލިއު ސްޕޯޓްސް އެކަޑަމީ އިން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ އިންޓަ އޮފީސް ބީޗް ހޭޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ކޭޕީއާރުސީ ބަލިކޮށް ޓީމު އެޗްޑީކޭއިން (އެއާޕޯޓް) ކާމިޔާބުކޮށްފި އެވެ.

ބީޗް ހޭންޑްބޯލް ސްޓޭޑިއަމްގައި ރޭ ކުޅެވުނު ފައިނަލް މެޗުގައި އެޗްޑީކޭއިން ކޭޕީއާރުސީގެ މައްޗަށް ކުރިހޯދާފައިވަނީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު އެޗްޑީކޭއިން ގެންދިޔައީ 21 - 17 ންނެވެ. ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 21 - 19 ންނެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އެޗްޑީކޭގެ މުހައްމަދު މައިޝާންގެ ކުޅުމެވެ. ދެޓީމުންވެސް ފޯރިގަދަ ކުޅުމެއް ދެއްކިއިރު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެޗުގެ ނަތީޖާ އަނބުރާލުމަށް ކޭޕީއާރުސީން މަސައްކަތްކުރި ނަމަވެސް އެޗްޑީކޭއިން ވަނީ މެޗުގެ ކޮންޓްރޯލް ހިފަހައްޓާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އެޗްޑީކޭގެ ޖާޒީ ނަމްބަރު 9 މުހައްމަދު މައިޝާން އެވެ.

މުބާރާތުގެ އެހެން ވަނަތަކަށް ބަލާލާއިރު މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖުމްލަ 66 ޕޮއިންޓާއެކު ކަސްޓަމްސް އާރްސީގެ ފަތުހުﷲ އާދަމް އެވެ.

މުބާރާތުގެ އޯލް ސްޓަރ ޓީމުގައި ހިމެނުނީ ކަސްޓަމްސް އާރްސީގެ ފަތުހުﷲ އާދަމްއާއި އަހްމީމް އަލީގެ އިތުރުން ކޭޕީއާރުސީގެ ޝަމްނޫޒް މުހައްމަދާއި އެޗްޑީކޭގެ މުހައްމަދު ރީހާން އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އެޗްޑީކޭގެ މުހައްމަދު މައިޝާން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355