ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކޮމަންވެލްތް ފުރަތަމަ ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕްގެ ފައިނަލުގައި މިރޭ، ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ސްރީލަންކާ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފި އެވެ.
މުބާރާތުގެ ފައިނަލުން ޕާކިސްތާން ޖާގަ ހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ބަންގްލަދޭޝް ބަލިކުރުމަށްފަހު އެވެ. ސްރީލަންކާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައިސީދާ ދެ ސެޓުން ދިވެހިރާއްޖެ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޕާކިސްތާނުން ނެވެ.
ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ޕާކިސްތާނުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 18-26 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ޕާކިސްތާނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު. މިސެޓް އެޓީމުން ކާމިޔާބުކުރީ 10 ޕޮއިންޓްގެ ލީޑަކާއެކު 18-28 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކިސްތާން ޓީމުގެ މުހައްމަދު ޝާހިދު ބަޝީރު އެވެ.
18 ސެޕްޓެންބަރު 2025 އިން 24 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ. މި މުބާރާތުގައި ވާދަކުރީ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސައުތު އެފްރިކާ އަދި ޕާކިސްތާނެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެކޮނޮމިކް މިނިސްޓަރު ސައީދެވެ. މި ރަސްމިއްޔާތުގައި ކޮމަންވެލްތްގެ އިސް ބޭފުޅުންނާއި މޭޔަރު އާތިފް އަދި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.