ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާތަކެއް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ސިޔާސަތުގެ ދަށުން ކުޅުދުއްފުއްޓާއި އައްޑޫގައި ސިނަމާ ކޮމްޕްލެކްސް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބުރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މުނިފޫހިފިލުމުގެ ދާއިރާ ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ފިލުމު އެޅުވުމަށް ޒަމާނީ ސިނަމާތަކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ލަސްތަކެއްނުވެ އެމަސައްކަތްވެސް އަންނަ އަހަރު ފަށާ ގަނެވޭނެ ކަމަށެވެ.
ފިލުމު އުފައްދާ ފަރާތްތަކުން އަތޮޅުތެރޭގައި ފިލުމު އެޅުވުމުގައި ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބޮޑެތި ސިޓީތަކުގައި ސިނަމާ ހުރުން މުހިންމުކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ސިނަމާ ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި ނިންމާލެވޭނެ ކަމަށެވެ.
އެކަމުގެ ކަރުދާހުގެ މަސައްކަތްކުރަމުންދާ ކަމަށާއި އައްޑޫގައި ގާއިމުކުރާ ސިނަމާ ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން އެތަންވެސް ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ދާދިފަހުން ޒުވާނުންގެ ވަޒީރު އިބުރާހިމް ވަހީދު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރާތްކުރައްވައި ތިލަދެކުނު ސިނަމާއަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. ވަރަށް ބޮޑަށް ވީރާނާވުމުގެ ސަބަބުން ބޭނުން ނުކޮށް ހުންނަ އެ ސިނަމާ ހުންނަ އިމާރާތަކީ ދައުލަތުގެ މީޑިއާގެ ބިމެކެވެ.