ކުލަގަދަ ރަސްމިއްޔާތަކާއެކު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް ކުޅުދުއްފުށީގައި ފަށައިފި އެވެ. ބީޗް ހޭންޑްބޯޅު އެރީނާގައި ކުރިއަށްދާ މި މުބާރާތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އެވެ.
މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ފެޑަރޭޝަންގެ އިސްވެރިންނާއި، ހޭންޑްބޯޅަ މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސްކޫލް ކުދިންގެ ހުށަހެޅުންތަކާއި މުބާރާތުގެ ލަވަ ހުށަހަޅައިދީފައިވެ އެވެ. އަދި މި ރަސްމިއްޔާތު ބެލުމަށް ގިނަ އަދަދެއްގެ އާންމު ވަނީ އެސަރަހައްދަށް ގޮސްފަ އެވެ.
މިމަހު 18 - 24 ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެ އެވެ. އެއީ ދިވެހިރާއްޖެ. ޕާކިސްތާނު، ސްރީލަންކާ، އިންޑިއާ، ބަގްލަދޭޝް އަދި ސައުތު އެފްރިކާ އެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ.
ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އަދި ސެމީފައިނަލުގެ ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގުބުރު ފަސްވަނަ ޓީމާއި ހަވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 17:30 ގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރާ މެޗު ފެށާފައިވާއިރު، މިރޭ ވެސް މުބާރާތުގެ ދެމެޗު ކުޅޭނެއެވެ. އެގޮތުން މިރޭ 20:00 ގައި ފަށާ ފުރަތަމަ މެޗުގައި ބަންގްލަދޭޝާއި ސައުތު އެފްރިކާ ވާދަކުރާއިރު، 21:00 ގައި ފަށާ ދެވަނަ މެޗުގައި އިންޑިއާ އިން ނުކުންނާނީ ވާދަވެރި ޕާކިސްތާނާއި ދެކޮޅަށެވެ.