ހދ އަތޮޅު ކައުންސިލްގެ މާލިއްޔަތަށް މިހާރު ލިބޭ އާންމުދަނީ ދެ ގުނައަށް އިތުރު ކުރުމަކީ އެކައުންސިލްގެ އަމާޒެއްކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅު ކައުންސިލާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން އިމާރާތްކުރި ދެ ކޮޓަރީގެ އެޕާޓްމަންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ހުސެއިން ވިދާޅުވީ އަތޮޅު ކައުންސިލްގެ އާންމުދަނީއަކަށް މިހާރު ލިބޭ އަދަދަކީ 50،000ރ ކަމަށާއި އެއަދަދު މިދައުރު ނިމުމުގެ ކުރިން 100،000ރ އަށް އިތުރުކުރުމަކީ ހދ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުންގެ އަމާޒެއް ކަމަށެވެ.
ހދ އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ހދ އަތޮޅު ކައުންސިލުން މިދައުރު އަހަރެއްގެ މައްޗަށް 58،000ރ އަށްވުރެ ގިނަ ރުފިޔާ ކޮންމެ ރަށަކަށް ކުރާނެ ކަމަށެވެ. މިއީ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތް ކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވީ މިދައުރުގެ މައިގަނޑު އަމާޒަކީ އަތޮޅުގެ ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގުން ކަމަށެވެ.
” ﷲ އިރާދަފުޅުން ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންގެ އަމާޒަކީ މިހާރު ލިބޭ އާންމުދަނީގެ ދެގުނަ އިތުރުކުރުން.” ކައުންސިލް ރައީސް ވިދާޅުވި އެވެ.
އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓް އިމާރާތްކުރުމުގެ މަޝްރޫއުތައް ފަސް ރަށުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވީ މި މަޝްރޫއު މިހާ ކާމިޔާބުކަމާއެކީ ކުރިއަށްދަނީ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.
މިއަކީ “އަޅުގަނޑު” މަސައްކަތެއް ނޫން ކަމަށާއި މިއީ ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުންގެ އުންމީދުތައް ހުރިގޮތް ކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި މުޅި އަތޮޅު ކައުންސިލްގެ މައިގަނޑު އަމާޒަކީ އާންމުދަނީ އިތުރުކުރުން ކަމަށާއި އޭރުން ދެން އަންނަ ކައުންސިލަކަށް ޕްރޮޖެކްޓްތައް ހިންގާނެ ފައިސާތަކެއް ޖަމާކޮށްދެވިފައިވާ ހުންނާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.
ފައިސާ ނެތި ކަމެއް ނުކުރެވޭނެކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވީ އަމާޒު ހިފާފަ މިހުރީ ފައިސާ ހޯދަން ކަމަށެވެ. އަދި ފައިސާ ހޯދަމުން މިދައުރުގައި ކޮންމެ ކައުންސިލަކަށްވެސް 175،000ރ ހަރަދުކުރާނެކަމަށެވެ. އެއީ އަހަރެއްގެ މައްޗަށް 58333.33ރ އެވެ.