ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ފަރާތުން ކެނޑިޑަސީ ފޯމް އިލެކްޝަންސްއަށް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރުއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާއިރު، ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް އަރުވާފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.
ދަރުބާރުގޭގައި އޮތް ރަސްމިޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރިޔާސީ ޓިކެޓް އެރުއްވީ ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.