ކޯލިޝަންގެ ވެރިކަމެއްގައި ށ ފުނަދޫގައި ހުރި ސަރުކާރުގެ ބައެއް އިދާރާތައް އަތޮޅުގެ އެހެން ރަށަކަށް ބަދަލުކުރާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ދޮގުކުރައްވައިފި އެވެ.
ށ ފޯކައިދޫގައި ވާހަކަދައްކަވަމުން އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އެއަތޮޅުގެ ވެރިކަން ކުރާ ފުނަދޫގައި ހުރި ބައެއް އިދާރާތައް އަތޮޅުގެ އެހެން ރަށަކަށް ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.
އެކަމާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ދޮގުކުރައްވަމުން އިބޫ ވިދާޅުވީ އަތޮޅު ކައުންސިލް އިދާރާވެސް އަދި ފުނަދޫގައި ހުރި އެހެން އިދާރާއެއްވެސް އެ ހުރިތަކުން އެހެން ރަށަކަށް ބަދަލުކުރާނެ ކަމަށެވެ. އެރަށުގައި ސަރުކާރުން ތަރައްގީކުރަމުންގެންދާ އެއާޕޯޓްގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައިވެސް އަލުވިކޮށް ކުރިއަށްގެންގޮސް އެމަޝްރޫއު ނިންމާލައްވާނެކަމަށް އިބޫ ވިދާޅުވި އެވެ.
ފޯކައިދޫގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ފުނަދޫގައި ހުރި އަތޮޅު ހޮސްޕިޓާ ބޮޑުކޮށް ހިދުމަތް ރަނގަޅުކޮށްދެއްވާނެ ކަމަށާއި ފެނުގެ ހިދުމަތްވެސް އެރަށުގައި ފައްޓަވާނެކަމަށެވެ. އަދި އަލަށް އިމާރާތް ކުރި ގޯތިތަކަށް ނަރުދަމާ އަޅައި ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ޖަލްސާގައި އިބޫ ވަނީ އެއަތޮޅުގެ އެހެން ރަށްރަށުގައި ކޯލިޝަން ސަރުކާރުން ހިންގަން ނިންމާފައިވާ ބައެއް މަޝްރޫއުތައް އިއުލާންކޮށްދެއްވާފަ އެވެ. އެގޮތުން ށ ނޫމަރާގެ ބަނދަރު ބޮޑުކޮށް މިހާރު އެރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރާނެކަމަށާއި އެގޮތުން ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމްކުށް، ފެނާއި ނަރުދަމާ އެރަށުގައި ގާއިމުކުރާނެ ކަމަށެވެ.
އަދި ށ ބިލެއްފަހީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިސަރުކާރުން ކޮންމެވެސް ވަރަށްކަށް ކޮށްފައިވާ ކަމަށާއި އެ އެއާޕޯޓްގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމެއްގައި ބިލެއްފަހީގައި އެޅިގެންދާނެކަމަށް އިބޫ ވިދާޅުވި އެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރެވި ބަނދަރުގެ ބޮޑުުކުރެވިގެންދާނެ ކަމަށެވެ.
އެއަތޮޅު ނަރުދޫގައިވެސް ސިއްހީ މަރުކަޒު ބޮޑުކޮށް ލެބޯޓަރީ ގާއިމުކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ނަރުދޫގައިވެސް ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރެވިގެންދާނެކަމަށާއި އެރަށުގެ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކޮށް، ކަރަންޓްގެ އެހެން ތަނަކަށް ބަދަލުކުރެވި، އެ ހިދުމަތް މިހާރަށްވުރެ ރަނގަޅުކުރެވިގެންދާނެކަމަށް އިބޫ ވިދާޅުވި އެވެ.
ށ. މާއުނގޫދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރެވި އެރަށުގައި ސްކޫލުގައި މަލްޓިޕާޕާސް ހޯލެއް އެޅިގެންދާނެކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރެވި އޭޓީއެމްގެ ހިދުމަތް މާއުނގޫދޫގައި ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށެވެ.