twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޯލިޝަންގެ ވެރިކަމެއްގައި ކުޅުދުއްފުއްޓަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނާނެކަން ޔަގީން، ޝައްކެއްވެސް ނެތް: ލަތީފް

Sep 13, 2018

ކޯލިޝަންގެ ވެރިކަމެއްގައި ކުޅުދުއްފުއްޓަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނާނެކަމަށާއި އެއީ ޝައްކުވެސް ކުރައްވާކަމެއް ނޫންކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކުޅުދުއްފުށީގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވީ އެމްޑީޕީގެ ބޭފުޅެއްކަމަށާއި އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ތެރޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ އެއްރަށަކީ ކުޅުދުއްފުށީ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯލިޝަންގެ ކެންޑިޑޭޓަކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވާތީ އެ ވެރިކަމުގައި ކުޅުދުއްފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެވާނެކަމާމެދު ޝައްކު ނުކުރާކަމަށާއި އެއީ ޔަގީން ކަމެއްކަމަށެވެ. އަދި އެކަން އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

އެހެންވީމާ އަޅާ ކިޔަން ޖެހެނީ އެމްޑީޕީގެ ތިން އަހަރު އާއި ރައީސް ޔާމީންގެ މިފަސް އަހަރު ކުޅުދުއްފުށީގައި ހިންގާފައިހުރި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ވިދާޅުވަމުން ލަތީފް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެންމެ ގިނަ ތަރައްގީގެ ޕްރޮޖެކްޓަށް ހިންގާފައިވާ އެއް ރަށަކީ މިރަށް ކަމަށެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ވެރިކަމެއް އަތުވެއްޖެނަމަ ކުރީގެ ދިޔަ 3 އަހަރަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކުޅުދުއްފުއްޓަށް ފެނިގެންދާނެކަމަށެވެ.

” އިބުރާހިމް މުހައްމަދު ސޯލިޙް އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފިނަމަ އެމްޑީޕީގެ ކުރީގެ ތިން އަހަރަށްވުރެ ގިނަ ތަރައްގީގެ ޕްރޮޖެކްޓްތައް ކުޅުދުއްފުއްޓަށް ފެނިގެންދާނެ. އަޅުގަނޑު ޝައްކެއް ނުކުރަން، އެއީ ޔަގީންކަމެއް.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އިހުމާލެއްވެފައިވަނީ ކުޅުދުއްފުއްޓަށް ކަމަށާއި އެންމެ ގިނަ ވައުދުތަކެއްވެވަޑައިގަތުމަށްފަހު ވައުދު ފުއްދާފައިނުވާކަމަށެވެ. ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ފަސްއަހަރު ވެގެންދިޔައީ ކުޅުދުއްފުށީ ރައްޔިތުންނަށް ފޮނި ހުވަފެންތަކެއް ދެއްކުމުގައި ކަމަށެވެ.

ރައީސް ޔާމީން ކުޅުދުއްފުށީ ރައްޔިތުންނަށް ވައުދުވި އެއްވެސް ކަމެއް މިއަދާ ހަމައަށްވެސް ވެފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް އެންމެ ގިނަ ވައުދުވެފައިވާ އެއް ރަށަކީ ކުޅުދުއްފުށީ ކަމަށާއި އެގޮތުން ހޮސްޕިޓާ ޓާޝަރީކޮށް، އިތުރު މަގުތައް ހެދުމާއި ބަނދަރު ބޮޑުކުރުން ފާހަގަކުރެއްވި އެވެ. ފުރަތަމަ ދެ އަހަރު ތެރޭގައި ނިންމަން ވިދާޅުވި އެއާޕޯޓްގެ މަސައްކަތް ފަސް އަހަރުވެގެންދާއިރުވެސް ނިންމާނުލެވި އެކަމުގެ ސަބަބުން ބައެއް ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އެއާޕޯޓް މަޝްރޫއުއަކީ އިހްލާސްތެރިކަމާއެކު ސަރުކާރުން ހިންގި މަޝްރޫއުއެއް ނަމަ ފަސް އަހަރުވެގެންދާއިރު އެއާޕޯޓަށް އަރާ ސަރަހައްދުގައި ހުރި 18 ގޯތީގެ ރައްޔިތުން ތިބެންޖެހޭނީ ދާއިމީ ހިޔާވަހިކަމެއްގަ ކަމަށެވެ. ނަމަވެސް އެހެން އެކަން ނުވެ، ކޯޓުން އައި ހުކުމާއެކު މަޖުބޫރީ ހާލަތުގައި އެ ރައްޔިތުންނަން ޖެހުނީ ގެދޮރު ދޫކޮށް، ކުލީ ގެތަކަށް ބަދަލުވާންކަމަށް އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ވައުދަށް އަލިއަޅުވާލައްވަމުން ލަތީފް ވިދާޅުވީ އިންޑިޔާ ބަޔަކާ ހަވާލުކޮށްގެން ހިންގީ ބޮޑު ޖަރީމާއެއްކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުގެ ފެންވަރު 30 އަހަރުގެ ފަހަތަށް ގޮސްފައިވާކަމަށެވެ. ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަށް އެކި ތާރީހްތައް ސަރުކާރުން ދެމުން ގޮސް ފަސް އަހަރުވެގެންދިޔައިރު އެމަޝްރޫއު ފެށިފައިވެސް ނުވާކަން ލަތީފް ފާހަގަކުރެއްވި އެވެ.

ލަތީފް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކާ ރައީސް ޔާމީން އެއްވެސް މަޝްރޫއުއެއް ހިންގާފައިނުވާކަމަށެވެ. ނަޝީދުގެ ވެރިކަމުގައި އިމާރާތްކޮށްފައިހުރި ރޯހައުސްތައް ވީރާނާކޮށްލުމަށްފަހު އިންތިހާބާ ދިމާކޮށް ތަޅުދަނޑި ހަވާލުކުރިޔަސް އެގެތަކުގައި މީހުންނަކަށް ދިރިއެއް ނޫޅެވޭނެކަމަށެވެ. ގެތަކުގައި ދިރިއުޅެވޭނީ ރަޖިސްޓްރީކުރުމަށްފަހު ކަމަށާއި ނަމަވެސް ރަޖިސްޓްރީ ކުރެވެން އަންނަނީ އެގްރިމެންޓެއްގެ ދަށުން ގޯތިތައް އޭގެ ވެރިންނަށް ލިބިގެންކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ މިއަދާ ހަމައަށް އާއިރު ރޯހައުސްތައް ލިބުނު ފަރާތްތަކާމެދު އެގްރިމެންޓަކާ ހަމައަށް ސަރުކާރުން ދެވިފައިނުވާކަމަށެވެ.

ރޯހައުސް ލިބުނު ފަރާތްތަކުގެ ހުރި ކަންބޮޑުވުންފާޅުކުރައްވަމުން ލަތީފް ވިދާޅުވީ އެ ގެތަކުގެ ކަރަންޓްލާފައިވަނީ ސަރުކާރުގެ އެންމެ މަތީ ރޭޓް ބިލުކުރެވޭގޮތަށް ކަމަށާއި ކަރަންޓް ބިލު ކުޑަކުރެވެންވެސް އަންނަނީ އެގްރިމެންޓް ހެދި ރަޖިސްޓްރީވުމަށްފަހުކަމަށެވެ. އެ ގެތަކުގެ ވެރި ފަރާތްތަކާ ތަޅުދަނޑި ހަވާލުކޮށްފައިވަނީ ރަމްޒީގޮތުން، އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިންގ މިނިސްްޓްރީގެ ދަށުން ހިންގާ ކުޅުދުއްފުށީ ޕަބުލިކް ވޯކްސްގައި ހުރި މަގު ހަދަން ބޭނުންކުރާ ވެލިކަލްތައް އެހެން ރަށަށްކަށް ބަދަލުކޮށްފައިވާ ކަމަށާއި އެހެންވުމުން ރަށުގެ މަގުތައް އެއްވަރުކޮށް ފަސްގަނޑު ޖެހެން ނެތް ކަމަށެވެ. އެ ވެހިކަލްތަކަކީ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ކުޅުދުއްފުށީގައި ގެންގުޅޭ ވެހިކަލްތަކެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިރަށުގެ މަގުތައް އެއްވަރުކޮށްލަންވެސް ވެހިކަލްތައް ގެނެވިފައިނުވާ ކަމަށެވެ.

ކުޅުދުއްފުށީގެ ތަރައްގީއަށް މި ސަރުކާރުން އަމަލުކުރަމުންދަނީ ވަރަށްވެސް ބޭއިންސާފުންކަމަށާއި ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކުން ރައީސް ޔާމީނަށް ވޯޓްދޭން ނުޖެހޭނެކަމަށް ލަތީފް ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355