twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގޯތި ދޫކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން، އެއީ ރައްޔިތުން ހެއްލުމަށް ޖެހި މަޅިއެއް: ލަތީފް

Sep 14, 2018

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާ ވަނިކޮށް ކުޅުދުއްފުށިން 80 ގޯތި ދޫކުރުމަށް ހައުންސިންގ މިނިސްޓްރީން އިއުލާންކުރުމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

ހައުންސިންގ މިނިސްޓްރީން ކުއްލިގޮތަށް އިއްޔެ ހަވީރުވެސްވީފަހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ކުޅުދުއްފުށިން 80 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި އެކަމާ ބެހޭ ފޯމް ކުޅުދުއްފުށީ ފެނަކަ އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.

ކޭއޯގައި ވާހަކަދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން ގޯތި ދޫކުރުމުގެ ހުއްދައަށް ހައުންސިންގ މިނިސްޓްރީގައި އެކި ފަހަރު މަތިން އެދިގެންވެސް ހުއްދަނުދީ ކުއްލިއަކަށް ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް މިކަން ކުރުމުން ސަރުކާރުގެ އިހްލާސްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލުއުފެދޭކަމަށެވެ.

2015 ވަނަ އަހަރުވެސް ކުޅުދުއްފުށިން 150 ގޯތި ދޫކުރުމުގެ ހުއްދައަށް އެދި އޭރުގެ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ސޮއެކުރައްވާ ވަނީ ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް އެސިޓީގެ ޖަވާބުގައި ހައުންސިންގ އިން އަންގާފައިވަނީ ކުޅުދުއްފުށި ފަދަ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ރަށެއްގައި ގޯތި ދޫކުރުމަކީ ދުރުމުސްތަގުބަލަށް ބަލައި އިރު އެންމެ ރަނގަޅު ގޮތަކަށް ނުވާތީ ގޯތި ދޫކުރުމަށް ހުއްދަ ނުދެވޭނެކަމަށެވެ. އަދި ގޯތި ދިނުމުގެ ބަދަލުގައި ބޯހިޔާވިކަން ފޯރުކޮށްދޭނެ އެހެން ގޮތެއް އޮތްތޯ ބަލައި ދިނުމަށް ކައުންސިލުގައި އެދިފައިވެ އެވެ.

އޭނާ ވިދާޅުވީ ޒަމާނުންސުރެ ގެވަޅު ދޫކުރަމުން އަންނަނީ ރަށު އޮފީހުން ނުވަތަ މިހާރުގެ ނަމުން ނަމަ ކައުންސިލް އިދާރާއިން ހައުންސިންގ މިނިސްޓްރީގެ ހުއްދައާއެކު ކަމަށެވެ. ނަމަވެސް އިއްޔެ ގޯތިދޫކުރުމަށް ހައުންސިންގ މިނިސްޓްރީން އިއުލާން ކުރީ ކައުންސިލްގެ އެއްވެސް ހިއްސާއެއް ނެތި ކަމަށާއި އެހެންކަމުން އެކަމުގައި އިހްލާސްތެރިކަމެއް ނެތްކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އެކަމުގެ ހުރި ކަންބޮޑުވުންފާޅުކުރައްވަމުން ލަތީފް ވިދާޅުވީ 18 އަހަރުން މަތީގެ މީހުންނަށާއެކު ގޯތި ދޫކުރާކަމަށްވާނަމަ އެކަމުގެ ސަބަބުން ގޯތި ލިބުން އެންމެ ހައްގުކަން ބޮޑެތި ފަރާތްތަކަށް ގޯތި ނުލިބުމުގެ ނުތަނަވަސްކަން އެބަ އޮތް ކަމަށެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ 1200 ވުރެ ގިނަ ޒުވާނުން ކުޅުދުއްފުށީގައި އެބަ ތިބި ކަމަށާއި 18 އަހަރުވެ ކައިވެންޏެއް ނުކޮށް އުޅޭ ފަރާތްތަކާއެކު ގޯތީގެ ޝަރުތު ހަމާ 2500-3000 ދެމެދުގެ ރައްޔިތުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ބޭނުންވާ އެއްތަށް ރައްޔިތުންތަކެއް ތިއްބާ އެންމެ 80 ގޯތި ދޫކުރަން ނިންމުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އެތަށް ސަަތޭކަ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނެކަމަށެވެ.

” 80 ގެވަޅު 2500 އަށްވުރެ ގިނަ މީހުންގެ މެދުގައި ބަހާފިކަމަށްވަންޏާމުން ގޯތިލިބުމުގައި ޝަރުތު އެންމެ ބޮޑަށް ފުރިހަމަވާ ފަރާތްތަކަށް ނުލިބުމުގެ ބިރު އެބައޮތް.” ސަރުކާރުން ކަންތައް ކުރަމުންދާ ގޮތަށް ބަލާއިރު އެކަން ބޮޑަށް ބެލެވެނީ ބަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯދުމަށް ކުރާކަމެއްގެ ގޮތުގަ. ” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންނާއި މީގެ ކުރިން ގޯތި ދޫކުރަމުން އައި އުސޫލަށް ބަލައިނަމަ ގޯތި ދޫކުރުމަށް 3 ވަރަކަށް މަސް ހޭދަވާނެ ކަމަށެވެ. އެގޮތުން ބިމުގެ ސާރވޭކޮށް ގޯތި ދެވޭނެ ސަރަހައްދުތައް ކަނޑައަޅައި ފޯމްތައް އިވެލުވޭޓްކޮށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭކަން ލަތީފް ފާހަގަކުރެއްވި އެވެ. ލަތީފް ވިދާޅުވީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުޅުދުއްފުށިން ގޯތި ދުކުރުމާބެހޭގޮތުން ކައުންސިލް އިދާރާއަކަށް އަންގާފައިނުވާ ކަމަށެވެ. އެގޮތަށް ގޯތި ދޫނުކުރެވޭނެ ކަމަށާއި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކާ ރަމްޒީގޮތުން ކަމެއްކޮށްލަން ކުރާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

” އަޅުގަނޑަށް ބޮޑަށް ބެލެވެނީ މިކަމަކީ (ގެވަޅު) ޕީޕީއެމްގެ ކެމްޕެއިންގަ އުޅޭ މަދު ބަޔަކަށް ދޭން ޖަހާ ރޮކެޓެއް ހެން.” އަބުދުލް ލަތީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އެންމެ 10 ދުވަހަށް ވެފައިވަނިކޮށް ކައުންސިލާ އެއްވެސް ވަރަކަށް ހިއްސާކުރުމެއް ނެތި ކުއްލިގޮތަށް މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމާއި މި ނިންމުމާއެކު ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުންފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355