twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކުޅީގައި މީރުފެނެއް ނެތް، އޮތީ ކުނި އަޅާ ހަލާކުކޮށްފަ: ރައީސް

Sep 17, 2018

ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ ކުޅި ހިއްކި އިރު އެތާ އޮތީ މީރު ފެނެއް ނުވަތަ ދިރޭ މަހާ އެއްޗެހި ނޫން ކަމަށާއި އެތަން އެތަން އޮތީ ކުޅި އަޅާ ހަލާކުކޮށްފަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި އެމްއެންޔޫ ރިޔާސީ ބަހުސްގައި ދެންނެވި ތިމާވެށި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލުގައި ދަންނަވާފައިވަނީ ރާއްޖޭގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްޓަކަށް ވާއިރު ރާއްޖޭގެ ފަޅުތަކާއި ކުޅިތަކާ ހިއްކައިގެން އިގްތިސޯދީ ފައިދާ ނެރެން މަސައްކަތް ކުރުމަކީ ރާއްޖޭގެ ތިމާވެށި ގުރުބާން ކުރުން ކަމުގައި ތިމާވެށީގެ މާހިރުން ވިދާޅުވާ ކަމަށާ ރައީސް ޔާމިނުގެ ސަރުކާރުން ވަނީ އިގްތިސާދީ ތަރައްގީ ގެނައުމަށް އެބޫދޫ ފަޅާއި ކުޅުދުއްފުށީ ފަޅު ހިއްކާފަ ކަމަށެވެ. މިއީ އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިގެންދާނެ ކަމެއްކަމުގައި އިދިކޮޅު ފަރާތްތަކުން ދެކޭ ކަމަށެވެ.

ސުވާލަށް ރައްދު ދެއްވަމުން ރައީސް ކުރެއްވި ސުވާލަކީ އެކަމަށް ހަދާފައިވާ ސައިންޓިފިކު މަސައްކަތެއް ކޮބާތޯއާއި ލިބުނު ގެއްލުމެއް ކޮބާތޯ އެވެ. ކުޅުދުއްފުށީ ކުޅިން ހިއްސާފައިވަނީ ދެބައިކޮށްފަ އެއްބަޔަށް ވުރެވެސް ކުޑަ ތަންކޮޅެއްކަމަށާއި ހިއްކި ސަރަހަދުގައުވެސް އޮތީ ހުސްކުނި ކަމަށެވެ.

“އެންމެ ފުރަތަމަ ކުޅުދުއްފުށީ ކުޅިން އެއްބައި ހިއްކީ، ކުޅުދުއްފުށީ ކުޅިން ހިއްކީ ދެބައިކޮށްފަ އެއްބަޔަށް ވުރެ ކުޑަތަންކޮޅެއް، އެ ހިއްކި ތަނުގައި އޮތީ ކޯޗެއްތޯ. މީރުފެންތޯ، ނޫނިއްޔާ ދިރޭ މަހާ އެއްޗެހިތޯ އެތާ އޮތީ، އެތާ އޮތީ ކުނިއަޅާ ހަލާކުކޮށްފަ އޮތީ” ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރައްޔިތުންނަށް ކުޅި ހިއްކައިގެން އެމަނިކުފާނު ކޮށްދެއްވީ “ފޭވާރ”އެއް ކަމަށާއި އެތަނަށް ކުޅިއެޅުން ހުއްޓުވާ ރަށަށް ވެމްކޯ ތައާރަފްކޮށް ކުނި ނަގާނެ ނިޒާމްވެސް ވާނީ ތައާރަފް ކޮށްދީފަ ކަމަށެވެ. މިއާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތެއް ތައާރަފު ކުރެވި އެ ސަރަހައްދު ތަރައްގީ ވެގެން ދާނެކަމަށެވެ.

ތިމާވެށީގެ އެއްވެސް ފަރާތަކުން ކުޅުދުއްފުށީ ކުޅިއާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއް ނުދެކެން ކަަމަށާއި އެއިރު ކުނި އަޅަމުން ގެންގޮސްފަ އޮތްއިރު ހަލާކުނުވި ކުޅިއެއް ހިއްކާފަ އެތަނުގައި އެއާޕޯޓެއް އެޅުމުން އިތުރަށް އެތަން ހަލާކުވާނެ ގޮތެއްގެ ތަފާސް ހިސާބެއް ވެސް ނުދެކޭކަމަށް ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ކުޅި ހިއްކުމުގެ މަޝްރޫއު އިއުލާން ކުރި ހިސާބުން ތިމާވެށީގެ މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރަށުގެ ފެންފަށަލަށް ލޮނުވެ އުދައެރުން ފަދަ ތިމާވެށީގެ ކާރިސާތަކުން ރަށް ސަލާމަތް ކޮށްދިިނުމަށް އެފަދަ ކުޅިތަކަކީ ބޮޑު ދައުރެއް އަދާކުރާ ތަންތަނަށް ވުމުން އެފަދަ ކާރިސާތަކުން ރަށަށް ލިބޭނެ ގެންލުންތަކުގެ ވާހަކަ ބަޔާންކޮށް 13 ޖަމާއަތެއް ގުޅިގެން އެތަށް ފަހަރެއްގެ މަތިންވަނީ ނޫސްބަޔާން ވެސް ނެރެފައެވެ.

ކުޅުދުއްފުށީ ކުޅިއަކީ މޫސުމީ ދޫނި އެކި ދުވަސްވަރު ޒިޔާރަތް ކުރި ކުޅިއެެވެ. މީގެ އިތުރުން ޗެލާޕިއާ، ބޭންގު، ޖަޕާނު މަސްފަދަ ގިނަ އަދަދެއްގެ މަސްމަހާމެހީގެ ގޯއްޗެއްވެސް މެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355