މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ހދ އަތޮޅުންދާ ބައެއް މީހުން ގޮވައިގެން ކުޅުދުއްފުށީ ބާދުޝާހު ބޯޓު ފުރައިފި އެވެ. ބޯޓް މިރޭ ނައްޓާލީ 12 ޖެހިއިރު އެވެ.
ހދ ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ކުރިނބީ އަދި މަކުނުދޫ މީހުން ރޭ ބާދުޝާހް ބޯޓްގައި ޕީޕީއެމްގެ ޖަލްސާގައި ބައިވެރިވުމަށް ފުރާފައިވާއިރު އައްޑޫ އަތޮޅުންވެސް ފްލައިޓު ޗާޓާ ކޮށްގެން ގިނަ އަދަދެއްގެ ރައްޔިތުން މާލޭވަނީ ގެންގޮސްފަ އެވެ.
ފްލައިޓު ޗާޓާކޮށްގެން އައި ޕީޕީއެމްގެ ސަޕޯޓަރުންނަށް މަރުހަބާ ކިޔަނީ–
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މާފަންނު ވެލިދަނޑުގައި މާދަމާ ރޭ ބާއްވާ ޖަލްސާގައި 20،000 ގޮނޑި ޖަހާނެ ކަމަށާއި އެއީ މާލޭގައި ރެކޯޑް އަދަދެއް ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މިއަދު ހެނދުނުން ފެށިގެން ރަށްރަށުން ގިނަ އަދަދެއްގެ ރައްޔިތުން މާލެ ވަނީ ގޮސްފައެވެ. އަދި ފްލައިޓުތަކެއް ޗާޓާކޮށްގެން ޖަލްސާއަށް އަންނަ މީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕީޕީއެމްގެ ސަޕޯޓަރުންނަށް މަރުހަބާވެސް ދަނީ ކިޔަމުންނެވެ.
ސައިޒު ދައްކާލަން ބާއްވާ ބޮޑު ޖަލްސާ އޮތީ މާދަމާ ރޭ 8:00 ހާއިރު އެވެ.