twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ހިމާޔަތްކުރުމަށް 12 ޖަމިއްޔާއަކުން ގޮވާލައިފި

Sep 18, 2018

12 ޖައްމިޔާއަކުން ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެގައިވަނީ ހދ.ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަށްޓަކައި ރާއްޖޭގައި އޮތް ޤުދުރަތީ ގޮތުން އެންމެ މުއްސަނދި އެއް ކުޅިކަމުގައިވާ ކުޅުދުއްފުށީ ކުޅިން ބޮޑުބައެއް ހިއްކުމުގެ ސަބަބުން، އެކުޅިއަށް ވަނީ އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށާއި އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ކުޅިން ހިއްކަނީ %30 ކަމަށާއި ކުޅީގެ ބާކީ އޮތްބަޔަށް ގެއްލުންނުވާނެ ކަމުގެ ޔަގީންކަން އެކިފަހަރު މަތިން ދީފައިވާކަމަށެވެ.

ކުޅުދުއްފުށީގެ ކުޅީގެ ހާލަތާއި ބޭނުން ދެނެގަންނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމެއްނެތި، އަދި ކުޅި ހިމާޔަތް ކުރުމަށް ގޮވާލާ، ކުޅީގެ ބޮޑުބައެއް ނައްތާލުމުން ނިކުންނާނެ ނޭދެވޭ އަސަރުތައް އެކި އެކި މުއައްސާސާތަކުގެ ސަމާލުކަމަށް ގެނައުމަށް އަމިއްލަ ފަރުދުންނާއި އެކި ޖަމިއްޔާ ޖަމާއަތްތަކުން ނުހަނު ގިނަ ގުނަ މަސައްކަތްތަކެއްކުރަމުން ދަނިކޮށް ކުޅި ހިއްކާފައިވާއިރު 16 ސެޕްޓެމްބަރު 2018ގައި ބޭއްވުނު ހަފްލާއެއްގައި، ކުޅުދުއްދުށީ ކުޅިން ހިއްކާފައިވަނީ %50 އަށް ވުރެވެސް ކުޑަ ތަންކޮޅެއްކަމަށް ރައީސް ޔާމީންވެސް ވިދާޅުވެފައި ވިނަމަވެސް ހަގީގަތަކީ އެއާޕޯޓް އެޅުމަށް ކުޅި ހިއްކައި ނިމުނު އިރު ކުޅީގެ ގާތްގަނޑަކަށް %70 ހިއްކާފައިވާކަމެވެ.

ކުޅި ހިއްކުމުގައި އެންވަޔަރަންމަންޓް އިމްޕެކްޓް އެސްސްމެންޓް (އީ.އައި.އޭ) އަދި ޕްރޮޖެކްޓްގެ ޑިސިޝަން ސްޓޭޓްމެންޓަށް އެއްވެސް ބެލުމެއް ނެތި އަމަލު ކޮށްފައި ވާތީ މިއަދު މިވަނީ ތަރައްގީގެނަމުގައި އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ކުޅުދުއްފުށީ ކުޅިއަށް ދީފައިވާ ކަމަށާއި މިގޮތުން ހިއްކާ ބަޔާއި ނުހިއްކާ ބައި ވަކި ނުކުރުމާއި އަދި ހިއްކިބައިން ނެގުނު ކިސަޑު ނުހިއްކާ ބަޔަށް އެޅުމުގެ ސަބަބުން ކުޅީގެ ބާކީ އޮތްބައި ވަނީ ވަރަށް ބޮޑަށް ތިލަވެ ކުޅި ފަނާވެ ނެތި ދިއުމުގެ ބިރާ ކުރިމަތިވެފައި ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އަދި ކުޅިއަށް މޫދުން ލޮނު ވަންނާނެ އެންމެހާ ގޮތްތައް ބަންދުކޮށްފައިވާތީ ކުޅީގެ ދިރުންތަކަށް އަންނަނީ މެދުކެނޑުމެއްނެތި ގެއްލުން ލިބެމުންނެވެ. މިގޮތުން ހިމާޔަތް ކުރެވިފައިވާ ގަސްގަހާގެހި، މަސްމަހާމެހި އަދި އެކި ބާވަތްތަކުގެ ދޫނި ސޫފާސޫފިގެ ގެދޮރު ތާއަބަދަށް ގެއްލި ދިއުމުގެ ބިރުވަނީ ކުރިމަތިވެފައެވެ.

ކުޅި އަދި ފާ ޗަސްބިންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ތިމާވެއްޓަށް މުހިއްމު ތަންތަންކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިތަކާއި ޗަސްބިންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޕްރޮޖެކްޓްތައް ހިންގަމުންދާއިރު ކުޅުދުއްފުށީ ކުޅީގެ ބާކީއޮތްބަޔަށް އަޅައި ނުލާ ދޫކޮށްލުމަކީ ކުޅުދުއްފުއްޓާއި އުތުރުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އޮތް މިމުހިންމު ޤައުމީ ޤުދުރަތީ ތަރިކައަށް ދައުލަތުންވަމުންދާ ބޮޑު އިހުމާލެކެވެ. އަދި ޤާނޫނުއަސާސީގެ 22 ވަނަ މާއްދާ އާއި ތިމާވެށި ރައްކާތެރި ކުރަން ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދައުލަތަށް މަތިކޮށްފައިވާ ތިމާވެށި ހިމާޔަތް ކުރުމުގެ އަސާސީ ޒިންމާއާ ކަނޑައެޅިގެން ހިލާފުކަމެކެވެ. މިގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މައްޗަށް ބާރުފޯރުވައި ކުޅި ހިއްކުމުގެ ހުއްދަ އެންވަޔަރަންމަންޓް މިނސްޓަރ ތޯރިޤް އިބްރާހީމް އަމިއްލައަށް ދީފައިވުމަކީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ރާއްޖޭގެ ތިމާވެއްޓަށް އަމާނާތްތެރިވުމުގެ ގާނޫނީ ޒިންމާ އިން އެކަހެރިވެ، މަސްލަހަތު ފުށުއަރާފަދަ ގޮތަކަށް ކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ބުނެ އެކަންކަން ވަނީ ކުށްވެރިކޮށްފަ އެވެ.

އަދި ދައުލަތުން ރާއްޖޭގެ މި ގުދުރަތީ ތަރިކަ އެއްކޮށް ނެތިކޮށްލިޔަ ނުދޭނެކަން ޔަގީންކުރުމަށްޓަކައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ކުރަންވާ ވަރަށް އެއްވެސް ކަމެއް ކޮށްފައިނުވުމަކީ، ކުޅީގެ ހާލަތު މިހާ ނާޒުކުފައްތަރަކަށް ވައްޓާލުމަށް އެހީތެރިވެ ދިން އެއްސަބަބެވެ. ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތައް ހިންގަމުންދާއިރު، ކަމާގުޅުންހުރި ގަވާއިދުތަކާއި ހެދިފައިވާ އީ.އައި.އޭ އަދި ޕްރޮޖެކްޓްގެ ޑިސިޝަން ސްޓޭޓްމެންޓްގައި ކުރުން ލާޒިމްކޮށްފައިވާ ކަންތަކަށް ހުރުމަތްތެރިކޮށް ހިތާތޯބަލާ، އެކަންކަމަށް ހުރުމަތްތެރިކޮށް ހިތަމުން ނުދާނަމަ، ފިޔަވަޅު އެޅުމަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މައިގަނޑު އެއް މަސްއޫލިއްޔަތުކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް މިހާތަނަށް، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއިން މިފަދަ އެއްވެސް ކަމެއް ކޮށްފައިވާތަން ފެނިފައި ނުވުމަކީ، ނުހަނު ހިތާމަހުރި ކަމެކަމަށާއި އަދި ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ނަމުގައި އެޖެންސީ އެއް ހިންގުމުގެ ބޭނުމާއި މެދު ނޫސްބަޔާނުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ކުޅުދުއްފުށީ ކުޅީގެ ހާލަތު މިހާ ނާޒުކު ފައްތަރަކަށް ވައްޓާލާފައިވަނިކޮށް، އެއާޕޯޓްހެދުމުގެ ނަމުގައި 18ގެ އެއްގެ އާއިލާތައް، އުޅޭނެ ގޮތެއް ދެއްކުމަކާއި ނުލާ މަގުމަތި ކޮށްލުމަށް ކުއްލިއަކަށް އެންގި އެންގުމަކީ ތަރައްގީގެ ނަމުގައި އެތައްބައެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް އަރައިގަތުމެވެ. މިފަރާތްކަށް ލިބެންޖެހޭ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާއިރު އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަތިކޮށްފައިވާ މިނިވަން މުއައްސަސާކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހަނުތިބުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، މިއާއިލާތަކަށް ލިބިދޭންޖެހޭ ހައްގު ބަދަލު ހޯދައިދިނުމަށް ތެދުވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެޖަމިއްޔާތަކުން ގޮވާލާފައި ވެއެވެ.

އަދި މި ބަޔާނުގައި ވީމާ، ކުޅުދުއްފުށި ކުޅީގެ ބާކީއޮތް ބައި ހިމާޔަތް ކުރަން ކަމާބެހޭ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން މިހާރުން މިހާރަށް މަސައްކަތް ފެށުމަށް ގުޅިފައިވާ މި ޖަމިއްޔާތަކުން އަޑުހަރުކޮށް ގޮވާލާ ކަމަށާއި މިކަމަކީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ގާނޫނީ ގޮތުން ލާޒިމްކުރާ ކަމެއް ކަމުގައިވެސް މި ފުރުސަތުގައި ހަދާންކޮށްދޭ ކަމަށްވެސް ބުނެފައި ވެެއެވެ. މިކަމަށް އިހުމާލުވުމަކީ މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކުށެއް ކަމުގައިވެސް މިފުރުސަތުގައި ހަނދާން ކޮށްދޭ ކަމަށާއި އަދި މިދަނޑިވަޅުގައި ދިވެހިރާއްޖެއިން ސޮއިކޮށް ބަލައިގަނެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށް އެތައް ކަމެއް ތަކުރާރުކޮށް ސަރުކާރުން ކުރަމުންގެންދާތީ އެކަން ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަންކަން ހުއްޓުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.

ވަކިން ހާއްސަކޮށް ރިއޯ ޑިކްލެރޭޝަން އޮން އެންވަޔަރަންމަންޓް އެންޑް ސަސްޓައިނަބްލް ޑިވެލޮޕްމަންޓް (1992)ގެ 15ވަނަ މާއްދާ ކަމުގައިވާ “ޕްރިކޯޝިނަރީ ޕްރިންސިޕަލް” ސަރުކާރަށް ހަނދާންކޮށްދިނުމާއި އެކު، އިއާދަ ނުކުރެވޭ ގެއްލުމެއް ތިމާވެއްޓަށް ލިބިދާނެ ފަދަ ހާލަތެއްގައި، ސައިންސްގެ ފުރިހަމަ ޔާގީންކަން ލިބިފައި ނެތްކަމަށް ބުނެ ތިމާވެށީގެ ކުށްތަކަށް އަރައިގަނެ އެކަންކަމުން ބަރީއަވުމަށް މަސައްކަތް ނުކުރެވޭނެކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައި ވެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355