ހާލު ދެރަ ނޫންކަމަށް ބުނެ ދަތުރުކުރުމަށް މެޑް ފޯމު ދޫނުކޮށް ހިފެހެއްޓި ކުއްޖާ މިއަދު މަރުވެއްޖެ އެވެ.
ހދ ނޮޅިވަރަމް ޖަޒީރާ އުމުރުން 22 އަހަރުގެ ޖައިޝަން ޖަމީލް އިންޑިޔާގެ ކޮޗިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދު ހެނދުނު 11 ޖަހާކަށްހާއިރު އެވެ.
އެ އާއިލާއިން ބުނީ ޖައިޝަން ޓްރިވެންޓްޑްރަމްގެ އާނަންތަޕޫރީ ހޮސްޕިޓަލުން ކޮޗިންގެ ހޮސްޕިޓަލަކަށް ބަދަލުކޮށް ހަށިގަނޑުގައި އުފެދިފައިހުރި ފެންތަން ބޭރުކޮށްފައި ވާކަމަށާއި އެއަށްފަހު ޖައިޝަމްގެ ހާލުއައީ ރަނގަޅު ވަމުން ކަމަށާއި ހަށިގަނޑުގެ ދުޅަވެސް މަޑުވެފައިވާ ކަމަށެވެ.
އެއަށްފަހު ކުޑަކަމުދިއުމަށް އުދަނގުވާތީ ޑޮކްޓަރު ބެލުމަށްފަހު ކިޑްނީގެ މައްސަލަވެސް އުޅޭކަމަށް ބުނި ކަމަށާއި އެކަމަށް ޑައެލިސިސް ހެދުމަށް ލަފާދިންކަމަށެވެ. އެގޮތުން އިއްޔެގައި ޑައެލިސިސް ހެދިފަހުންވެސް ހާލު ރަނގަޅުކަމަށާއި އެހެންނަމަވެސް ޖައިޝަން މަރުވީ މިއަދު ހާލުދެރަވެގެން އެންޑޮސްކޯޕް ހެދުމަށް ތައްޔާރު ވަމުން ދަނިކޮށްކަމަށް އާއިލާއިން ބުނެއެވެ.
ޖައިޝަމްގެ ހާލުދެރަވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދައްކާފައިވަނީ މިދިޔަ އޮގަސްޓް މަހު ގައިގެ ތަންތަން ދުޅަވެ ނޭވާލުމަށް ދަތިވާތީ އެވެ. އެއަށްފަހު ހާލުދެރަވާތީ އާއިލާއިން އެދިގެން މާލެ ގެންދިއުމަށް އެދުމުން ޖައިޝަން ބެލި ޑޮކްޓަރުވަނީ ހާލުދެރަ ނޫންކަމަށް ބުނެ މެޑިކަލް ފޯމް ދިނުމަށް ދެކޮޅުހަދާފަ އެވެ.
އާއިލާއިން އަމިއްލައަށް ޖައިޝަމް އިންޑިޔާއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހު ކުރީކޮޅުއެވެ. ޖައިޝަމްއަކީ ލޭ އަޅާ ކުއްޖެއްވެސް މެއެވެ.