twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފުޓްބޯޅަ ކުރިއެރުވުމަށްޓަކާ އަތޮޅުތެރޭގެ 8 ސަރަހައްދެއްގައި ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކުރަނީ

Oct 7, 2018

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކާ އަތޮޅުތެރޭގެ 8 ސަރަހައްދެއްގައި ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކުރުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.

ފީފާގެ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މި މަޝްރޫއުގެ ދަށުން ކުރިއަށް ތިންމަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގައި 8 ސަރަހައްދުގައި ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމްކުރެވިގެންދާނެކަމަށް އެފްއޭއެމް އިން މައުލޫމާތުދެ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތި) ވިދާޅުވީ އަށް ޒޯންނަކަށް ބަހާލައިގެން ގާއިމްކުރާ މި އޮފީސްތަކުގައި އެސަރަަހައްދުތަކުގެ ކުދިން ނަގައި ތަމްރީން ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމުކުރަން ނިންމާފައިވަނީ ކުޅުދުއްފުއްޓާއި، ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ، ލ.ފޮނަދޫ، ދ.ކުޑަހުވަދޫ، އދ. މަހިބަދޫ، ބ.އޭދަފުށި އަދި ނ. ކެނދިކުޅުދޫގަ އެވެ.

ޑިވެލޮޕްމެންޓް އޮފީސްތައް ގާއިމްކުރުމަށް ފަހު އެ ކޮންމެ ސަރަހައްދަކަށް ހަ ކޯޗުން ހަމަ ޖައްސާނެކަމަށާއި އަދި އެކަންކަން ކުރިއަށްދާނީ ޒޯން ޑިވެލޮޕްމަންޓް އޮފިސަރެއްގެ ބެލުމުގެ ދަށުންކަމަށް ސާންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޒޯން އޮފީސްތަކުން ގްރާސް ރޫޓުން ފެށިގެން އިންޓަރ ސްކޫލު ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކާއި އަންހެން ފުޓްބޯޅަ އާއި ޔޫތް ޑިވެލޮޕްމަންޓްތައް ތަރައްގީކުރާނެ ކަމަށެވެ. އަދި އެ އޮފީސްތަކަށް ހާއްސަކޮށް ކޯޗުންނާއި ރެފްރީން ނަގައި ތަމްރީންކުރާނެކަމަށް ސާންތި ވިދާޅުވި އެވެ.

ޔޫތު ޑިވެލޮޕްމަންޓާއި ސްކޫލުތަކުގެ މުބާރާތްތަކާއެކު އެ ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިން ތަރައްގީކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސާންތި ވިދާޅުވި އެވެ. އެގޮތުން އެ ޒޯންތަކުން 13، 15 އަދި 18 އަހަރުން ކުދިން ނަގައި ތަމްރީންކުރަމުންދާނެ ކަމަށާއި އެގޮތުން އަބަދުވެސް 30 ކުދިން ނަގައިގެން ތަމްރީންތައް ކުރަމުންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން މިހާތަނަން އެފްއޭއެމްގެ އޮފީހެއް ގާއިމްކޮށްގެން ތަމްރީންތައް ދެމުންދަނީ އައްޑޫ ސީޓީގައި އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355