twitterviber whatsapp telegramfacebookyoutube instagram
26th April 2024

މެމްބަރު ނަޝީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ: ކުޅުދުއްފުށީ ކައުންސިލް

Oct 14, 2018

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ އެހީތެރިކަން ކުޅުދުއްފުށީ ކައުންސިލަށް ވަރަށް ބޮޑަށް މިދައުރުގައި ލިބެމުންދާކަމަށް އެކައުންސިލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ރަށުގެ ތަރައްގީއަށާއި ކައުންސިލަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގައި ކައުންސިލަރުންނާއި ވަރަށް ގާތުން މެމްބަރު ނަޝީދު މަސައްކަތްކުރައްވާ ކަމަށެވެ.

” ނަމަވެސް ސަރުކާރުގެ ބައެއް ކަންތައްތައް ހުރިގޮތުން ހުރިހާކަމެއް އެބޭފުޅާއަކަށް ހައްލުކުރުމަށް ހުރަސްތަކެއް ކުރިމަތިވޭ. އެހެންނަމަވެސް އެބޭފުޅާގެ އަމިއްލަ ހައިސިއްޔަތުންނާއި އެހެނިހެން ގޮތްގޮތުން ކުރެވެން ހުރި މަސައްކަތެއްކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރޭ.” ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންތައްތައް ސީދާ ނުކުރެވުނު ނަމަވެސް މިނިސްޓްރީތަކުގެ ތެރެއިން ނަޝީދު ކުރައްވައި މަސައްކަތުން ކޮންމެވެސް އަލިމަގެއް ފެނިގެންދާކަމަށެވެ. މިދައުރުގައި މަހަކު ދެ ފަހަރު، ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރައްވާ ކަމަށެވެ. އަދި ކައުންސިލާ ބައްދަލުކޮށް ރަށުގެ ތަރައްގީއަށް ހުރި މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާކޮށް،  އެކަންތައްތައް ކުރުމަށް ހުރި ދަތިތައް ބަލައި ސަރުކާރުގެ ތެރެއިން ހައްލު ހޯދުމަށް ނަޝީދު މަސައްކަތްކުރައްވާފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

ކައުންސިލާ ބަހައްޓާ ގާތްކަމާއި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކާ ނަޝީދަށް، ލަތީފްވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ނަޝީދުގެ އެހީތެރިކަން ކައުންސިލާއި ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

” ކައުންސިލްގެ މިދައުރުގަ ފުދޭވަރަކަށް ބޮޑަށް ނަޝީދުގެ އެހީތެރިކަން ލިބުނު.” ލަތީފް

އަބުދުލް ލަތީފް ވިދާޅުވީގޮތުގައި ސަރުކާރުގެ ތެރެއިން ވިޔަސް ނަޝީދުއަށް އެހީތެރިކަން ފޯރުކޮށްދެއްވުނީ ސިޔާސީގޮތުން ނަޝީދަކީ ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރަކަށްވުމުން ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވެލައްވައި ކައުންސިލަރު ލަތީފް ވިދާޅުވީ މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބުދުލްގަފޫރު މޫސާގެ ފަރާތުން ކައުންސިލަށް އެންމެ އެދެވޭގޮތުގައި އެހީތެރިވެދެއްވާފައިނުވާ ކަމަށެވެ. އެއީ އެބޭފުޅާއަކީ އިދިކޮޅު ޕާޓީގެ މެމްބަރަކަށްވުމުންކަމަށް ބެލެވޭކަމަށް ލަތީފް ވިދާޅުވި އެވެ.

” ގަފޫރު ހުންނެވީ އިދިކޮޅު މެމްބަރެއްގެ ގޮތުގަ އެހެންވީމަ ސަރުކާރުގެ ތެރެއަކުން މާބޮޑު ކަންތައްތަކެއް ނުވާނެތާ ދެއްތޯ؟ ނަޝީދަކީ ސަރުކާރުގެ މެމްބަރަކަށް ވާތި އެ ތަފާތު ހުރެދާނެ. ނަމަވެސް އަޅުގަނޑުމެންނާ ގާތް ގުޅުމެއް ނަޝީދު ގެންގުޅުވިކަން އަޅުގަނޑު ހަމަވަރަށް އުފަލާއެކު ފާހަގަކުރަން.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ވިދާޅުވި އެވެ.

” ސިޔާސީގޮތުން ކައުންސިލް މެމްބަރުންނާއި ނަޝީދުގެ ހިޔާލު ތަފާތު ވިޔަސް ނަޝީދު ފެނިގެންގޮސްފައިވަނީ ވަރަށް ގާތްކޮށް. އެ ގާތްކަމެއް ގަފޫރުގެ ފަރާތުން މިދިޔަ ދޮޅު އަހަރުތެރޭގައި ފެނިގެންގޮސްފައެއް ނުވޭ.” ލަތީފް ވިދާޅުވި އެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ނިމި، އިބޫ އިންތިހާބު ކާމިޔާބުކުރެއްވި ހިސާބުން މެމްބަރު ގަފޫރު ގުޅުއްވައި ދެން ފެށޭ ސަރުކާރަކުން ކައުންސިލަށް ކަންކަން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިކަމަށް ލަތީފް ވިދާޅުވި އެވެ. އަދި އެކަމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

” ދެން އަންނަ ސަރުކާރުގަ ކައުންސިލުން ބޭނުންވާ ކަންތައްތައް ގަފޫރު މެދުވެރިކޮށް، ކޮށްދެއްވާނެކަމަށް ވިދާޅުވި.” ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355