twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖޭގެ ފުރަތަމަ ޓީން ސެންޓަރު ކުޅުދުއްފުށީގައި ހުޅުވުމަށް ތައްޔާރުވަނީ

Oct 18, 2018

ކުޅުދުއްފުށީ އަމީނީމަގުގައި ފްރީޒްލެންޑް ފިހާރަ ކައިރީގައި ހެދި މި ޓީން ސެންޓަރަކީ ފުރާވަރު ކުދިންނަށް ޚާއްސަ މަރުކަޒެއްކެވެ. މިތަނުގެ މަސައްކަތް ނިންމާ މިހާރު ވަނީ ހުޅުވުމަށް ތައްޔާރުވެފަ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ހެއްދެވި މިތަން ހުޅުވުން އޮންނަނީ މާދަމާ ރޭ 8:30 ގަ އެވެ. މިތަން ހުޅުވައިދެއްވާނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނެވެ.

ހުޅުވުމުގެ ރަސްމިއްޔާތު ފޯރިގަދަކުރުމަށް ބޮޑުބެރު ހަރަކާތްތަކާއި، ވަގުތުން ފައިސާގެ އިނާމުލިބޭ ފިޓްނަސް ޗެލެންޖުގެ ހަރަކާތްތަކެއްވެސް ހިނގާނެއެވެ. މިރަސްމިއްޔާތު އިތުރަށް ހިތްގައިމުކޮށްދިނުމަށްޓަކާ، ޒުވާން އުމުރުގެ ވީހާވެސް ގިނަކުދިން މިރަސްމިއްޔާތުގައި ބައިވެރިވުމަކީ އިންތިޒާމްކުރާ ފަރާތުގެ ވަރަށް  ބޮޑު އެދުމެކެވެ.

މިސެންޓަރުގެ ބޭނުމަކީ ފުރާވަރުގެ ކުދިންނަށް (ޓީން ކުދިންނަށް) އެއްތަނަކަށް އެއްވެ، ބައްދަލުވެ، ފިލާވަޅުދަސްކޮށްލައި، މުނިފޫހިފިލުވާލައި، އެއްޗެއް ކުޅެލައި ހަދާލުމުގެ ފުރުސަތު އެއްފުރާޅެއްގެ ދަށުން ހޯދައިދިނުމެވެ.

ތަފާތު ހުނަރުތައް ދަސްކޮށް އާލާކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމުކޮށް ހިންގައިދިނުމެވެ. ބޭކާރު ދިރިއުޅުމުން އެ ކުދިން ދުރުކޮށް، އުފެއްދުންތެރި ފަރުދުންނަށް އެކުދިން ބަދަލުކުރުމަށް ބާރުއެޅުމެވެ. ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމުގެ މަގުފަހިކޮށްދިނުމެވެ. މުޖުތަމަޢުގެ އުފެއްދުންތެރި ގުނަވަނަކަށް އެކުދިންހެދުމަށް ބާރުއެޅުމެވެ.

މިސެންޓަރުގެ ފައިދާތަކުގެ ތެރޭގައި، ހަމައެކަނި ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަ ތަނަކަށް މިތަންނުވެ، މަޢުލޫމާތު މުއްސަނދިކޮށްދޭ، ހުނަރު ދަސްކޮށްދޭ، ކުދިން އެކުލަވާލައި އެކުވެރިވެއުޅޭ، ހާލު ހިއްސާކުރާ ތަނަކަށް ހެދުމާއި، އެއުމުރުގެ ކުދިންނަށް ރައްޓެހި ރަޙްމަތްތެރި މާހައުލަކަށް އެތަންހެދުމާއި، އެކުދިން ދާހިތްވާ އެކުދިންނަށް ފަރިތަ އެޑްރެހަކަށް އެ ތަން ހެދުން ހިމެނެއެވެ.

ފުރާވަރުގެ ކުދިންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށާއި ތަޖުރިބާ ހިއްސާކުރުމަށް ކުދިން އެއްވެ އެކުވާ ތަނަކަށް ހެދުމާއި، އެއް ރަށްޓެއްސެއްގެ ގެއިން އަނެއް ރަށްޓެއްސެއްގެ ގެއިން ފޫހިކަންމަތީ ބަދަލުވަމުންގޮސް، ވަންނާނެ އިތުރު ތަނެއް ނެތިގެން، މަގުމައްޗަށް ނުކުމެ، ބޭކާރު ކަންކަމުގައި ދުވަހާއި ވަގުތު ހުސްކޮށްލުމުގެ ބަދަލުގައި، ރައްޓެހިންނާއި ރަޙްމަތްތެރިންނާއި އެކުވެރިންނާއެކު ވަގުތުހޭދަކުރެވޭނެ އުފެއްދުންތެރި މާހައުލެއް އެކުދިންނަށް ގާއިމުކޮށްދިނުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355